07 Jun 2020, 14:37
ކޮވިޑް-19 އަށް ފަހު ނިއު ނޯމަލް އަށް ދުނިޔެ ދަތުރުކުރަމުންދާއިރު ގެއިން ބޭރަށް ދާނަމަ ކޮންމެހެންވެސް މާސްކު އެޅުން މުހިއްމު ކަމަށް ވޯލްޑު ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާ ދީފިއެވެ.
ދުނިޔޭގައި ކޮވިޑް-19 ކޮންޓްރޯލުކުރުުމަށްޓަކައި އަމަލުކުރާނެ ގޮތްތަކަށް ބިނާކޮށް ޑަބްލިއުއެޗްއޯއިން ވަނީ ދާދި ފަހުން ގައިޑްލައިނެއް ނެރެފައެވެ. އެ ގައިޑްލައިންގައި ކުރީން އެންމެ ބޮޑަށް ބާރު އަޅާފައިވަނީ އިޖުތިމާއީ ގައިދުރުކަން ބޭނުން ކުރުމަށެވެ.
ނަމަވެސް އަލަށް ނެރުނު ގައިޑްލައިންގައި ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި ފޭސް މާސްކު އެޅުން މުހިއްމު ކަމަށެވެ.
މީގެކުރީން ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ ސިއްހަތު ރަނގަޅު މީހުން މާސްކު އެޅުން ކޮންމެހެން މުހިއްމު ކަމަށް ދިރާސާތަކުން ފެނިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އަލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެކަންތައް ބަދަލު ކުރަން ޖެހޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނަމް ވިދާޅުވީ އިޖުތިމާއީ ގައިދުރުކަން ގާއިމުކުރަން އުނދަގޫ ސަރަހައްދުތަކުގައި ކޮންމެހެންވެސް މާސްކު އެޅުން މުހިއްމު ކަމަށެވެ. އޭގެ ސަބަބުން ކުޅު ފަދަ ތަކެތީގެ ޒަރިއްޔާއިން ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.