ބަފެލޯ (ޖޫން 7): އެމެރިކާގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރޭގައި ނިއު ޔޯކްގެ ބަފެލޯގައި ދެ ފުލުހަކު 75 އަހަރުގެ މީހަކު ކޮއްޕާ ވައްޓާލި މައްސަލާގައި އެ ދެ ފުލުހުންގެ މައްޗަށް ދައުވާކޮށްފި އެވެ.

ބަފެލޯގެ އެމާޖެންސީ ރެސްޕޮންސް ޓީމްގެ ދެ މެމްބަރުން ކަމަށްވާ އޭރޮން ޓްރުގަލްސްކީ އާއި ރޮބަޓް މެކޭބްގެ މައްޗަށް މީހަކަށް އަނިޔާ ކުރުމުގެ ދައުވާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮތް މުޒާހަރާއެއް ތެރޭ މާޓިން ގުޖީނޯ ކިޔާ އުމުރުން ދުވަސްވީ މީހަކު ކޮއްޕާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވުމުންނެވެ. އެ ވީޑިއޯއިން ގުޖީނޯ ވެއްޓި، އޭނާގެ ބޮލުން ލޭ ފައިބާ މަންޒަރު ވެސް ފެނެ އެވެ.

އެ ވީޑިއޯ އާއްމުވި ފަހުން ޓޮރުގަލްސްކީ އާއި މެކޭބް ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކޮށްފަ އެވެ. އެ ނިންމުމާ ދެކޮޅަށް ނުރުހުން ފާޅު ކުރުމުގެ ގޮތުން އެ ދެ މީހުންގެ ޔުނިޓުގައި ހިމެނޭ 57 މެމްބަރުން ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އަދި ދެ ފުލުހުންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން 100 އަށް ވުރެ ގިނަ މީހުން ވަނީ ބަފެލޯގެ ކޯޓެއް ކައިރިއަށް އެއްވެ މުޒާހަރާކޮށްފަ އެވެ.

އެ ދައުވާތަކާ ގުޅިގެން ދެ ފުލުހުން ގިނަ ވެގެން ހަތް އަހަރަށް ޖަލަށް ލެވިދާނެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން މިހާރު ހޮސްޕިޓަލުގައި އޮތް ގުޖީނޯގެ ހާލު ސީރިއަސް ނަމަވެސް އޭނާގެ ހާލު ސްޓޭބަލް އެވެ.

އެމެރިކާގައި މުޒާހަރާ ކުރަމުން ދަނީ މިދިޔަ މަހުގެ 25ގައި ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޝޮވިން، ކަޅު ނަސްލުގެ ޖޯޖް ފްލޯއިޑް ހައްޔަރު ކުރި އިރު އޭނާގެ ކަރަށް ފައިން އެރުމާ ގުޅިގެން އޭނާ މަރުވުމުންނެވެ.

އެ މައްސަލައާ ގުޅިގެން، ފްލޯއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ހަތަރު ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ޝޮވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާކޮށްފައިވާ އިރު ދެން ތިބި ތިން ފުލުހުންގެ މައްޗަށް ވަނީ މީހަކު މެރުމުގައި އެހީވުމުގެ ދައުވާކޮށްފަ އެވެ.