07 Jun 2020, 10:50
އެމްޓީސީސީން މާލެ އާއި ވިލިމާލެއާ ދެމެދު ކުރާ ފެރީ ދަތުރުތައް އިތުރުކޮށްފި އެވެ.
އެމްޓީސީސީން ބުނީ ފެރީ ދަތުރުތައް އިތުރުކުރީ ކޮވިޑް19އާ ގުޅިގެން މާލެ ސަރަހައްދުގެ ލޮކްޑައުންއަށް ލުއިތަކެއް ގެނައުމުން، ހިދުމަތްތަކަށް ބުރޫއެރުން ކުޑަކޮށް، ދަތުރު ކުރުމުގައި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް "ސަން"އަށް ވިދާޅުވީ ފެރީ ދަތުރުތަކަށް ގެނައި ބަދަލުތަކުގެ ދަށުން މިހާރު ކޮޅަކަށް 20 ދަތުރު ކުރަމުންދާނެ ކަމަށެވެ.
"ލޮކްޑައުންއާއެކު އެޗްޕީއޭއިން ދަތުރުކުރުން މަނާ ކުރުމާއެކު ދަތުރުތައް މެދުކަނޑާލީ. އެހެން ނަމަވެސް ސިއްހީ ދާއިރާގެ މުވައްޒަފުން ދަތުރުކުރަން އަޅުގަނޑުމެން ހަ ދަތުރު ރޭވިން. އޭގެ ފަހުން ރޯދަ މަހު އަނެއްކާ ވެސް 12 ދަތުރަށް ފެރީ ދަތުރު އިތުރުކުރީ. ލޮކްޑައުންއަށް ލުއިތަކެއް ގެނައުމާއެކު އެންއީއޯސީގެ ލަފާގެ މަތިން 20 ދަތުރަށް މިފަހަރު މި އިތުރުކުރީ." ނާޒިމް ވިދާޅުވި އެވެ.
ލޮކްޑައުންއަށް ލުއިތަކެއް ގެނައުމާއެކު ވިޔަފާރި ހުއްދައިގެ ދަށުން ވިލިނގިލިން މާލެއަށް ދަތުރުކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. ނާޒިމް ވިދާޅުވީ އެ ބަދަލާއެކު ފެރީ ދަތުރުކުރާ މީހުންގެ އެވަރޭޖް އަދަދު އިތުރުވެފައިވާ ކަމަށެވެ.
"އެންމެ ފުރަތަމަ ހަ ދަތުރުކުރިއިރު ދުވާލަކު އެވަރޭޖްކޮށް ދެކޮޅަށް ދަތުރުކުރީ 450 މީހުން. ރޯދަ މަހު 12 ދަތުރަށް އިތުރު ކުރުމުން އެ އަދަދު 950 އަށް އިތުރުވި. މިފަހަރު މި ގެނައި ބަދަލާއެކު އެވަރޭޖްކޮށް 1400-1500 ވަރަކަށް މީހުން ދަތުރުކުރޭ ދުވާލަކު. އެހެން ނަމަވެސް މާލެއަށް އައުމުގެ ހުއްދަ އޮތްތޯ ބެލުމަށްފަހު، ހުއްދަ އޮންނަ ފަރާތްތަކަށް ދަތުރު ކުރެވޭނީ." ނާޒިމް ވިދާޅުވި އެވެ.
ވިލިނގިލީގެ އިތުރުން މާލެ - ގުޅީފަޅު އަދި މާލެއާއި ތިލަފުށްޓާ ދެމެދު ވެސް އެމްޓީސީސީން ފެރީ ދަތުރުތައް ބާއްވަ އެވެ. ހަމައެއާއެކު 11 އަތޮޅަކަށް ކާގޯ ދަތުރުތައް ވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.
މާލެ ސަރަހައްދުގެ ލޮކްޑައުންއަށް ލުއިތަކެއް ގެނެސްފައިވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހު އެވެ. ދެ ހަފުތާގެ މުއްދަތަކަށް ގެނައި މި ލުއިތަކުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށެވެ.