07 Jun 2020, 12:14
ރަށުގައި ކަރަންޓިން ކުރަނީ މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ގެންދިއުމަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ކަމަށާއި އެގޮތަށް ނިންމި ނަމަވެސް ރިސޯޓްތަކުގައި ހަދާފައިވާ ސަރުކާުރުގެ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކުރާނެ ކަމަށް އެންއީއޯސީ އިން ބުނެފި އެވެ.
މީގެ ކުރިން މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ގެންދަނީ، 14 ދުވަހަށް ސަރުކާުރުގެ ޓްރާންސިޓް ކަރަންޓީނު ފެސިލީޓީތަކުގައި ބޭތިއްބުމަށްފަހު އެވެ. ނަމަވެސް އިއްޔެ އެޗްޕީއޭ އިން ވަނީ ރަށްރަށުގައި ވެސް ކަރަންޓީން ކުރެވޭ ގޮތަށް އުސޫލެއް އާންމުކޮށްފަ އެެވެ.
ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް19ގެ ހާލަތު ރާއްޖޭގައި ދުވަހުން ދުވަހަށް ބަދަލުވެގެންދާ ގޮތަށް ރިއާޔަތްކޮށް ފިޔަވަޅުތަކަށް ލުއިދެމުން ގެންދާނެ ކަމަށެވެ. އެގޮތުން ރަށުގައި ކަރަންޓިން ކުުރުމަށް މިހާރު ނިންމާފައިވަނީ ތާށިވެފައި ތިބި މީހުން ލުއި ފަސޭހަކަމާއެކު އަވަހަށް ރަށަށް ގެންދިޔުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ސަބަބަކީ، މާލޭގައި އެބަތިބި ރަށްރަށުން އެކި ސަބަބުތަކާ ހުރެ އައިސްފައި ތިބި މީހުން އަނބުރާ ރަށަށް ނުދެވި. އެހެންވީމަ އެމިހުން ގެންގޮސްފައި ރަށުގައި ބެހެއްޓުމުގެ އިންތިޒާމެއް ފަސޭ ހަލުވިކޮށް ކުރުމުގެ ވިސްނުމެއްގައި ނިންމިގެން ދިޔަ ނިންމުމެއް،" އަފްޒަލް ވިދާޅުވި އެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައިި ޑރ. އިބްރާހިމް އަފްޒަލް -- ފޮޓޯ/އެންއީއޯސީ
މީގެ ކުރިން ރަށްރަށުގައި ކަރަންޓީން ކުރުމަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ގޮވާލެއްވި އެވެ. ނަމަވެސް އޭރު ސަރުކާރުން ބުނެފައިވަނީ ރަށްރަށުގައި ކަރަންޓިން ކުުރުމަށް އެ ރަށްރަށުގެ ރައްޔިތުންވެސް ދެކޮޅު ހަދަމުންދާ ކަމަށާއި ރަށުގައި ކަރަންޓިން ކުރުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ.
މިހާރު ރަށުގައި ކަރަންޓީން ކުރުމުގައި ނުރައްކަލެއް ނެތީތޯ "ސަން" އިން ސުވާލު ކުރުމުން އަފްޒަލް ވިދާޅުވީ، މީގެ ކުރިން ހަރުކަށިކޮށް ކަރަންޓީން ކުރުމުގެ އުސޫލު ގެންގުޅުނީ ވަރަށް ބޮޑަށް ބަލި ފެތުރިގެން ދިޔަ ދަނޑިވަޅަކަށް ވުމާއި އާންމުންގެ ހޭލުންތެރިކަންވެސް ކުޑަވެފައިވާތީ ކަމަށެވެ. ނަމަވެސް ކޮވިޑް19 ރާއްޖެއިން ފެނުނުއިރާ މިހާރުގެ ހާލަތަށް ބަލައި އާންމުގެ ތެރޭގައި މިކަމަށް ހޭލުންތެރިވެފައި މިންވަރު ތަފާތު ކަމަށް އަފްޒަލް ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރެވެ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން އަފްޒަލް ވިދާޅުވި އެވެ.
"މާލޭގައިވެސް އަދި ރަށްރަށުގައި މީހުންގެ ހޭލުންތެރިކަން މި ބައްޔާމެދު، މިކަމުގައި ސަމާލުކަންދޭންޖެހޭ މިންވަރާމެދު ކުރިއާ ބަލާއިރު މާބޮޑަށް އެބަހުރި. އެއީވެސް ސަބަބެއް. ކޮންމެ ގޮތެއްވިޔަސް އޮތް ހާލަތުގައި އަބަދަކު ނުތިބެވޭނެ. މިއޮށްހުރިހާ ދުވަހު އަޅުގަނޑުމެން މިތިބީ މާލޭގައި ތިބި މީހުން މިކޮޅުގައި ހިފަހައްޓައިގެން، ނޫނީ ރަށަށް ގެންދިޔުމުގައިވެސް އެހެން އިންތިޒާމަކުން [ޓްރާންސިޓް ކަރަންޓީން ކުރަމުން ދިޔައީ] އެހެން ނަމަވެސް، މިހާ ދުވަސްވުމާއި، މިހާރުގެ ފެންނަމުންދާ ކޭސްތަކަށް ބަލާފައި، އަދި މީހުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލާ އަޅާ ބަލާއިރު، މިހާރު ކޮންމެވެސް ވަރަކަށް ޔަގީން ކުރެވޭ، އުންމީދު ކުރެވޭ ގޭގައި ތިބޭށޭ ބުނުމުން އެކަން ބަލައިގަތުމުގެ ފުރުސަތު އޮންނާނޭ ކުރިއަށް ވުރެ،" ރަށުގައި ކަރަންޓިން ކުރުމުގައި މިހާރު ނުރަކަލެއް ނެތްތޯ ސުވާލު ކުރުމުން އަފްޒަލް ވިދާޅުވި އެވެ.
އަފްޒަލް ވިދާޅުވީ، މިކަމުގައި ފަރުދީ ޒިންމާވެސް ވަރަށް ބޮޑު ކަމަށާއި މިކަމުގައި ހުރިހާ ރައްޔިތުންގެވެސް އެއްބާރުލުން މުހިންމުވާނެ ކަމަށެވެ. ކޮންމެ މީހެއްގެ ފަހަތުގައި މީހަކު ބައްހަޓައިގެން އެކަން ނުކުރެވޭނެ ކަމަށްވެސް އަފްޒަލް ވިދާޅުވި އެވެ.
"މިކަމުގައި މި ދަތީގައި މިހާ ދުވަހު އަޅުގަނޑުމެން އުޅެފިން. ކުރިއަށް އޮތްތާގައިވެސް ވީހާވެސް އަވަހަކަށް މިކަމުން މިންޖުވާން އެންމެވެސް ބޭނުންވާނެ. އެހެންވީމަ މިކަމަށް ވިސްނައިގެން އަޅުގަނޑުމެން ދޭ އިރުޝާދުގެ މަތިން ގޭގައި މަޑުކުރަން ބުނާމީހަކު އެ މުއްދަތުގައި ގޭގައި މަޑުކޮށްލައިގެން ހުރުން. އެގޮތަށް ކަންކުރާ ނަމަ، ދެވޭ ލުއިތަވެސް އިތުރަށް ފަސޭހަވަމުންދާނެ" އަފްޒަލް ވިދާޅުވި އެވެ.
ރިސޯޓުތަކުގައި ކަރަންޓިން ކުރަނީ 14 ދުވަހަށެވެ. ނަމަވެސް ރަށްރަށުގައި ކަރަންޓިން ކުރުމުގެ އުސޫލުގައި ބުނާގޮތުގައި ރަށުގައި ކަރަންޓީން ކުރަން ޖެހޭނީ 24 ދުވަހަށެވެ.
އެޗްޕީއޭގެ ޑޮކްޓަރު ނަޒްލާ މުސްތަފާ ވިދާޅުވީ، ރަށްރަށުގައި ކަރަންޓިން ކުރާ މީހުން 24 ދުވަހަށް ކަރަންޓީނުގަިއ ތިބެން ޖެހެނީ އެމީހުންގެ އެންޓިބޮޑީ ޓެސްޓް ކުރާތީކަމަށެވެ. މީގެ ކުރިން ކަރަންޓީން ކުރާ މީހުންގެ އެ ބަލި ނެތްކަން ޔަގީންކުރަން ހަދަނީ ޕީސީއާރު ޓެސްޓެވެ.
"އެންޓިބޮޑީއަށް ފުރަތަމަ ވެސް ޕޮޒިޓިވްވާން ފަށާނީ ގާތްގަނޑަކަށް 9-11 ދުވަސް ތެރޭގައި އެވްރޭޖްކޮށް. އެހެންވެ، ޓްރެވަލް ރިލޭޓެޑް [މާލެއިން އެހެން ރަށަކަށް ދިޔުމަށް] ކަރަންޓީންތަކުގައި އެންޓިބޮޑީ ޓެސްޓު ހަދާތީވެ 24 ދުވަސް މި ދެނީ" ރާއްޖޭގައި މިހާތަނަށް ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަސް ކޮންޓްރޯލްގެ އެކްސްޕާޓް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވާހަަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަށުގައި ކަރަންޓީން ކުރަން ފެށުމުން އިތުރަށް ސަރުކާރުގެ ކަރަންޓިން ފެސިލީޓީތަކުގައި ކަރަންޓީން ކުރާނެތޯ ސުވާލުކުމުން އެންއޯއީސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ރަށްރަށުގައި ކަރަންޓީން ކުރަނީ އެ ފުރުސަތު ހުރި މީހުންނަށް ކަމަށާއި އެ ފުރުސަތު ނެތް މީހުންނަށް އަދިވެސް ކަރަންޓީން ކުރާނީ ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުގައި ކަމަށެވެ.
މިހާތަނަށް ސަރުކާރުގެ ކަރަންޓީން ފެސިލީތަކަށް 3،000 އަށް ވުރެ ގިނަ މީހުން ކަރަންޓީން ފެސިލީޓީތަކަށް ގެންގޮސްފައިވާއިރު، ބައެއް މީހުން ވަނީ 14 ދުވަސް ހަމަވެގެން ދޫކޮށްލާފައެވެ. އެ ފެސިލީޓަކުން އަދި މިހާތަނަށް އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.