06 Jun 2020, 23:38
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލީގެ އަލާމާތައް ބޮޑަށް ނުފެންނަ އަދި ހާލު ސީރިއަސް ނުވާ މީހުންގެ ފަރާތުން ބަލީގެ އަލަމާތްތައް ނުފެންނަތާ ތިން ދުވަސް ވުމުން އިތުރު ޕީސީއާރު ޓެސްޓެއް ނުހަދާ އެމީހުން ދޫކޮށްލަން ނިންމައިިފިއެވެ.
މިރޭ އެންއީއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތޮފާ ވިދާޅުވީ މިހާތަނަށް ރާއްޖެއިން ބަލިޖެހޭ މީހުން ދޫކުރަމުން ދިޔައީ ޕީސީއާރު ޓެސްޓު ހެދުމަށްފަހު ކަމަށެވެ.
"ފާހަގަ ކުރެވެނީވަރަށް ގިނަ ދުވަހަށްފަހުވެސް ޕީސީއާރު ޕޮޒިޓިވް ކަމަށް ދައްކާކަން. މިސާލަކަށް ތިން ހަފްތާ، ހަތަރު ހަފްތާ، ފަސް ހަފްތާ ވާއިރުވެސް ޕީސީއާރު ޕޮޒިޓިވް،" ޑރ. ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ފަހުގެ އާދިރާސާތައް ދައްކަނީ ޕީސީއާރު ޕޮޒިޓިވް ވުމުގެ މާނައަކީ ވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފޯރާނެ ކަމެއް ނޫން ކަމަށެވެ.
"މިސާލަކަށް އިންފެކްޓެޑް މީހެއް ނޫން ކަމަށް. އެއީ ޕީސީއާރަކީ ވައިރަސްގެ އެތިކޮޅު އާރްއެންއޭ މެޓީރިއަލް އޭގެއިން ދެނެގަންނަނީ،" ޑރ ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ އާދައިގެ ރޯގާ ޖެހިފައި ރަނގަޅުވާ މީހުން ގާތްގަނޑަކަށް ނުވަ ވަރަކަށް ދުވަސްތެރޭ އެއްކޮށްހެން ރަނގަޅުވާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. ނަމަވެސް ބޮޑަށް ބަލިވާމީހުންގެ ހަށިގަނޑުން އަނެއްމީހާގެ ހަށިގަނޑަށް ވައިރަސް ހިނގައިދާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ޑރ. ވިދާޅުވިއެވެ.
"ދެން، ވަރަށް ފަހުން 27 މެއިގައި ޑަބްލިއުއެޗްއޯ އިން ވެސް ނެރިފައި ވަނީ މިގޮތަށް އަލާމާތްތައް ރަނގަޅުވުމަށް ފަހު، ތިން ދުވަސް ވުމަށްފަހު އަލާމާތްތައް ފެނުނުތާ 10 ދުވަސް ވެއްޖެ ނަމަ އެމީހަކު ދޫކޮށްލެވޭނެ ކަމަށް ޓެސްޓު ނުހަދާ،" ޑރ. ވިދާޅުވީ ރާއްޖޭގައި އަމަލު ކުރަމުން ދިޔަގޮތް ބަދަލު ކުރަން ނިންމީ ޑަބްލިޔުއެޗްއޯ، ޔޫކޭ އަދި ސީޑިސީ އިން އަމަލު ކުރާ ގޮތް ބެލުމަށް ފަހު ކަމަށެވެ
އެގޮތުން "އަލާމާތްތައް ފެނުމަށްފަހު 14 ދުވަސް ހަމަކޮށް، އެއްކޮށް އަލަމާތްތައް ރަނގަޅު ވުުމަށް ފަހު މަދުވެގެން ތިން ދުވަސްފަހުން ޓެސްޓު ނުހަދާ ދޫކޮށްލެވޭނެ" ކަމަށް ނިންމާފައިވާ ކަމަށް ޑރ. ވިދާޅުވިއެވެ.
"މިގޮތަށް ދޫކޮށްލެވޭނީވެސް އާދައިގެ ރޯގާއެއްގައި ހުންނަ މީހަކަށް. އެކަމަކު ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރުުމަށްފަހު، މަދުވެގެން 21 ދުވަސް ހަމަކުރަންވާނެ،"
ޑރ. ވިދާޅުވީ އެފަދަ މީހުން 21 ދުވަސް ފަހުން، އޭނާ ބަލިން ރަނގަޅުވާތާ ތިން ދުވަސް ހަމަކޮށްފައި ނޫނީ ހޮސްޕިޓަލުން ދޫކޮށް ނުލާނެ ކަމަށެވެ.
"އެހެންވީމާ މީގެ ފަހުން ދޫކޮށްލާއިރު ޕީސީއާރު ޓެސްޓެއް ނުހަދާނެ،" ޑރ. ވިދާޅުވިއެވެ.
ނަމަވެސް ދިފާއީ ނިޒާމު ބަލިކަށި މީހުން އަދި ބާރުގަދަ ބޭސް ބޭނުން މީހުންގެ ޓެސްޓު ހަދާނެ ކަން ޑރ. ފާހަގަ ކުރެއްވިއެވެ.