ވޮޝިންޓަން (6 ޖޫން 2020) : އެމެރިކާގައި އާންމު ކަމެއްކަމަށްވާ ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވުމަށް ރަސްމީ އަދި ގާނޫނީ އިދާރާތަކުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމުގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށްވެ އެކަމާ ދެކޮޅަށް އެމެރިކާގައި މުޒާހަރާތަކާއި އިޙްތިޖާޖްތައް އާންމު ވެފައިވާ މިދުވަސްވަރު ޑެންވަރުގެ ޑިސްޓްރިކް ކޯޓުގެ ފަނޑިޔާރަކު ވަނީ އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށާ މީހުން ހައްޔަރުކުރާއިރު އަނިޔާވާ ގޮތަށް އެކަން ނުކުރުމުގެ އަމުރެއް އެސަރަހައްދުގެ ފުލުހުންގެ މުއައްސަސާގެ މައްޗަށް ނެރުއްވާފަ އެވެ.

މިގޮތުން އާންމުންނާ ދެކޮޅަށް ކަރުނަ ގޭސް ބޭނުން ނުކުރުމަށާއި ރަބަރު އުންޑައިން އާންމުންނަށް ހަމަލާނުދިނުމަށް ފަނޑިޔާރު ވަނީ ޑެންވަރުގެ ފުލުހުންގެ މައްޗަށް އަމުރުކުރައްވާފަ އެވެ. މިއަމުރާ ޚިލާފަށް ފުލުހުންއަމަލުކުރާ ނަމަ އެކަންކުރާ ފުލުހުންގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ދައުވާކުރާނެ ކަމުގެ އިންޒާރު ވެސް ފަނޑިޔާރު ވަނީ ދެއްވާފަ އެވެ. ނަމަވެސް މި އަމުރު ހިނގާނީ ޑެންވަރުގެ ފުލުހުންގެ މައްޗަށް އެކަންޏެވެ.

އެމެރިކާ ފުލުހުން ލަޓިބުރި ބޭނުންކުރަނީ

އެމެރިކާގެ ފުލުހުން އެންމެ ބޮޑަށް އަނިޔާކުރަނީ މީހުން ހައްޔަރުކުރާ އިރު ކަމަށް ވެ އެވެ. އެމެރިކާގެ މިނިޔާޕޮލިސްގެ ފުލުހުން ކަޅުނަސްލުގެ މީހަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައާ ގުޅިގެން ނަސްލީ ތަފާުކުރުން ހުއްޓުވުމަށާއި ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލައި ރައްޔިތުން ކިތަންމެ ވަރަކަށް މުޒާހަރާ ކުރިޔަސް ފެޑްރަލް ލެވެލްއެއްގައި އެމެރިކާގެ ކޮންގްރެސްއިން ގާނޫނުތަކެއް ފާސްކޮށްގެން މެނުވީ ފުލުހުން ގެ އަނިޔާވެރިކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ގާނޫނީ މާހިރުން ވިދާޅުވެ އެވެ.

މިހާރު އެމެރިކާގައި ތަންފީޒުކުރާ އަމަނާ ބެހޭ ގާނޫނުތަކުގެ ދަށުން ގިނަ ހާލަތްތަކުގައި އާންމުންނާ ދެކޮޅަށް ހަރުކަށިކޮށް ބާރުގެ ބޭނުންކުރުމުގެ ފުރުސަތު ފުލުހުންނަށް ލިބިދީފައިވެ އެވެ. އަދި އަނިޔާކުރުމަށް ފަހު ގާނޫނުގެ އެހީގައި ރައްކާތެރިކަން ލިބުމުގެ ފުރުސަތު ވެސް ފުލުހުންނަށް އޮވެއެވެ.

އެމެރިކާގެ ޕާލަމެންޓްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ އެތައް މެންބަރުންނެއްވަނީ އެމެރިކާ ފުލުހުންގެ ފިޔަކޮށާލާ ފަދަ ގާނޫނުތަކާއި ފުލުހުންގެ ވަކިފަރުދުން މިހާރަށް ވުރެ ބޮޑަށް ޒިންމާދާރު ކުރެވޭފަދަ ގާނޫނުތަކެއް ފާސްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާ ފުލުހުންގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުންނާއި ނަސްލީ އިމްތިޔާޒުގެ ސަބަބުން އެމެރިކާގެ ނަން ދުނިޔޭގައި މުޅިން ހުތުރުވެ އަނިޔާވެރިކަމާއި ނަސްލީ އިމްތިޔާޒުގެ ގައުމެއްގެ ލައްގަނޑު އެމެރިކާގައި ޖެހިފައިވާއިރު އެހެންގައުމުތަކުގެ އިންސާނީ ހައްގުތަކަށް ފާޑުކިޔައި ބަސްބުނުމުގެ އަޚްލާގީ ބާރު އެމެރިކާއަށް ގެއްލިއްޖެ ކަމަށް އެމެރިކާގެ މުޙައްލިލުން ދެކެވަޑައިގަންނަވައެވެ.

އެމެރިކާގައި މުޒާހަރާކުރާ މީހުން ލީޑުކުރާ އެކްޓިވިސްޓުން ވަނީ ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވޭ ފަދަ އިސްލާހީ ގާނޫނީ އޮނިގަނޑެއް އެކުލަވާނުލަނީސް މުޒާހަރާތައް ނުހުއްޓާނެކަމުގެ އިންޒާރު ދީފަ އެވެ. މީގެ އިތުރުން ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ ފަރާތްތަކަށް ބޮޑެތި އަދަބުތައް ލިބޭ ގާނޫނުތައް ފާސްކުރުމަށް ވެސް މުޒާހަރާކުރާ ފަރާތްތަކުންވަނީ ކޮންގްރެސް އަށް ގޮވާލާފަ އެވެ.

އެމެރިކާގެ ރަށެއް ކަމަށްވާ އިންޑިއާނާ ޕޮލިސްގައި މިދިޔަ ހަފްތާގައި ފުލުހުން އަންހެނެއްގެ ގައިގާ ލަޓިބުރިން ވަރަށްގަދައަށް ތަޅައި އެމީހާގެ ލޮލަށް ޕެޕަސްޕްރޭ ޖެހި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ އަންހެން މީހާއަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދޭން ފަށާފައިވާއިރު ފުލުހުން ވަނީ އެކަމުގެ ތަހްގީގްތައް ފަށާފަ އެވެ. (ނޫސްއެޖެންސީތައް)