06 Jun 2020, 19:05
މާލެ ސަރަހައްދު ފުރަބަންދުވުމާ ގުޅިގެން ރަށަށް ނުދެވި ތިބި ފަރާތްތައް ސަރުކާރު ހަރަދުގައި ރަށްރަށަށް ގެންގޮސް، ގޭގައި ކަރަންޓިން ކުރާ ގޮތަށް ނިންމައިފި އެވެ.
މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަކީ މާލެއިން ރަށަށް ދާން ބޭނުންވާ މީހުން 14 ދުވަހަށް ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކުރުމެއެވެ. އަދި އެ މީހުން ދޫކޮށްލަނީ ކޮވިޑަށް ޓެސްޓް ކުރުމަށްފަހު، ނަތީޖާ ނެގަޓިވްވުމުންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ރަށުގައި ކަރަންޓީން ކުރުމާ ބެހޭ އުސޫލެއް އެކުލަވާލާ އާންމުކޮށްފަ އެވެ. ރަށުގައި ކަރަންޓީން ކުރަނީ 24 ދުވަހަށެވެ. އަދި 24 ދުވަހަށްފަހު ކޮވިޑަށް ޓެސްޓް ކުރުމަށްފަހު، ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އުސޫލުުގައި ބުނެއެވެ.
އުސޫލުގައި ބުނާގޮތުން، ރަށަށް އެނބުރި ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައިސާދެނީ ސަރުކާރުންނެވެ. އަދި ކަރަންޓީންވުމަށް ބޭނުންވާ މީހާ ހުންނަ ހުށަހަޅާ ގޭގައި ހާއްސަ ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށް އުސޫލުގައި ބުނެއެވެ.
އެގޮތުން އެގޭގައި 60 އަހަރުން މަތީގެ މީހުންނާއި މާބަނޑު އަންހެނުންނާއި ހާއްސަ ބަލިތައް (ނޭވާ ހިއްލުން، ކިޑްނީގެ ބަލޮ، ހަކުރު ބަލި، ހިމޯގްލޯބިން ޑިސްއޯޑާ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވާ ޑިޒީޒް، އަދި ހިތުގެ ބަލި) ފަދަ ބަލިތައް ހުންނަ ފަރާތްތައް އެ ގޭގައި އުޅެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައެވެ.
ކަރަންޓީނުވާތަނުގައި ހުންނަ ޖެހޭ މުހިންމު ޝަރުތުތައް:
- ކަރަންޓިން ވާ މީހުން ބައިތިއްބަން ޖެހޭނީ ވައިދައުރުވާ ގޮތަށް ހުންނަ ވަކި ކޮޓަރިއެއްގައި ނުވަތަ ކޮޓަރިތަކެއްގައި.
- އެއްކޮޓަރިއެއްގައި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީން ކުރާނަމަ، ދެ އެނދު ދޭތެރޭ މަދުވެގެން ތިން ފޫޓު ހުންނަންވާނެ.
- ކަރަންޓީން ކުރާ މީހުންނަށް ސާފުފެން ލިބެން ހުންނަ ވަކި ފާހާނާއެއް ހުރުން.އެކަކަށްވުރެ ގިނަ މީހުން ފާހާނާ ބޭނުން ކުރާ ނަމަ، ރަނގަޅަށް ސާފު ކުރުން.
- ކަރަންޓީނުކޮށްފައިވާ މީހާ ބޭނުން ކުރުމަށް ތަށި، ސަމުސާ، ތުވާލި، އަދި ބޭޑުޝީޓު، ބާލިސް ފަދަ ތަކެތި ވަކިކޮށްފައި ބެހެއްޓުން.
- ކަރަންޓީން ކުރާ މީހުން ތިބޭ ގެއަށް އެެހެން މީހުން ޒިޔާރަތް ނުކުރުން. އަދި އެ ގޭގެ އެހެން މީހުންވެސް ކަރަންޓީނު މުއްދަތުގައި ގެއިން ބޭރަށް ނުނިކުމެވޭނެ.
ރަށްރަށަށް ދާން ކައުންސިލުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނު ވާން ބޭނުން ވާ ގެއަކީނުވަތަ ތަނަކީ މި އުސޫލަށް ފެތޭ ތަނެއް ތޯ ބަލާނީ ޕަބްލިކް ހެލްތް ޔުނިޓާ ގުޅިގެން އެރަށެއްގެ ކައުންސިލުން ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ.