ސިނަމާލެ ބްރިޖުމަތިން މީހަކު ކަނޑަށް ފުންމާލުމުން ފުލުހުން އެ މީހާ ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ބްރިޖުމަތިން މީހަކު ކަނޑަށް ފުންމާލިކަމުގެ ރިޕޯޓު މިއަދު ހަވީރު 3:46 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކަނޑަށް ފުންމާލި މީހާ އަކީ އުމުރުން 31 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ ލޯންޗެއް އެމީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކީ ބްރިމަތިން ދުއްވާފައި ދިޔަ ޓެކްސީއެއްގައި އިން މީހެކެވެ.

އައިޖީއެމްއެޗުން ބުނީ ސިނަމާލެ ބްރިޖު މަތިން ފުންމާލި މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެމީހާގެ ހާލު އަދި ސާފު ނުވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސާދު ދަށްވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި ނަފްސާނީ މައްސަލަތަކާއި އިޖްތިމާއީ އެހެން މައްސަލަތައް ވެސް މި ދުވަސްވަރު ވަނީ އިތުރުވެފަ އެވެ.

މީގެ ކުރިން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތެރޭގައި ސިނަމާލެ ބްރިޖުމަތިން މީހަކު ވަނީ ފުންމާލައިފައެވެ. އެފަހަރުވެސް ފުންމާލި މީހާ ސަލާމަތް ކޮށްފައިވަނީ ފުލުހުންނެވެ.

އެމީހާ އެކަން ކުރީ މަޖަލަކަށް ކަމަށް ވަނީ ބުނެފަ އެވެ.