28 Dec 2011, 19:06
މާލޭގެ ގެއެއްގައި ބަނގުރާ ކައްކަމުންދިޔަ ދިވެއްސަކާއި ތިން ބިދޭސީ އަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހަތަރު މީހުން ހައްޔަރު ކުރީ މއ. ގެރެވިގެއިން ކަމަށާއި އެ ގޭގައި ރާ ކެއްކުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެގެއަށް ވަނީ އިއްޔެ ކަމަށެވެ. ގެރެވިގެ ބަލައި ފާސްކުރި 28 ފުޅި ވޮޑްކާ ވެސް ފެނުނެވެ.
ފުލުހުން ބުނީ ގެރެވިގެއިން ހައްޔަރު ކުރީ ދިވެއްސަކާއި ސްރީލަންކާގެ ތިން މީހަކު ކަމަށެވެ. އެއިން އެއްވެސް މީހެއްގެ ތަފުސީލެއް ނުދެ އެވެ.
ގެރެވިގެއިން ފެނުނު އެއްޗެހީގެ ތެރޭގައި 28 ފުޅި ވޮޑުކާގެ އިތުރުން ބަނގުރާ ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިހުރި ލައިފް ފެން ހުސްކުރި ކުޑަ 38 ފުޅި އާއި، ފަސް ލީޓަރުގެ ބޮޑު ދެ ފުޅި ހިމެނެ އެވެ.
މީގެ އިތުރުން ބަނގުރާކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި 20 ލީޓަރުގެ ދެ ޓައްޕާއި، 20 ލީޓަރުގެ ހަމަކާއި ރާ ކައްކަން ބޭނުންކުރާ ސާމާނު ވެސް ފެނުނެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.