ރާއްޖޭގައި ކޮވިޑް 19 ޖެހިގެން އަށް ވަނަ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ މިއަދު 9:25 ހާއިރު އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހަކު މަރުވެފައިވާ ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހާލު ވަރަށް ކްރިޓިކަލް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި ބަންގްލަދޭޝްގެ ހަތަރުވަނަ މީހާ އެވެ.

ރާއްޖެއިން އަށް މީހަކު ބަލީގައި މަރުވި އިރު އޭގެ ތެރެގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 1883 އަށް އަރައިފަ އެވެ.

މީގެ ތެރޭ ހިމެނެނީ ބަންގްލަދޭޝްގެ 1018 މީހުންނާއި 623 ދިވެހިންނެވެ. މީގެ އިތުރުން 190 އިންޑިއާ މީހުންނާއި 23 ނޭޕާލް މީހުން، އިޓަލީގެ 11 މީހުން، ލަންކާގެ ނުވަމީހުން ޕާކިސްތާނުގެ ތިންމީހުން އަދި އެހެން ގައުމުތަކުގެ ހަތަރު މީހުން ހިމެނެ އެވެ.

މިހާރު ކޮވިޑަށް ފަރުވާދެމުންދަނީ 1157 މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މިހާރު ރާއްޖެއިން 717 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.