ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރުމަށް 500 ތާމޯމީޓަރު ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނީ ސްކޫލުތަކުގައި ބޭނުން ކުރުމަށް 500 ޑިޖިޓަލް އައިއާރު ތާމޯމީޓަރު ހޯދަން ބޭނުންވާ ކަމަށެވެ.

މި ތަކެތި ހޯދުމުގެ ބީލަމަށް ހުޅުވާލާފައިވާއިރު ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މި ޕްރޮޖެކްޓުގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މިމަހުގެ ނުވަޔަކަށް ހުޅުވާލާފައިވާއިރު ރެޖިސްޓްރީ ކުރަން ޖެހެނީ އޮންލައިން ކޮށެވެ.

ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 10،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަސް ކަމަށާއި ބިޑް ހުޅވުން އޮންނާނީ ޖޫން 15 ވަނަ ދުވަހު ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ސްކޫލުތަކަށް ބޭނުންވާ ތާމޯމީޓަރު ހޯދަން އިއުލާނުކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ މީގެ ކުރިން ވިދާޅުވީ ފުރަބަންދަށްފަހު ސްކޫލްތައް އަލުން ހުޅުވާއިރު ދެން ދަރިވަރުންނަށް ސްކޫލްތަކަށް ވަދެވޭނީ އެ ދަރިވަރުންގެ ފިނިހޫނުމިން ބެލުމަށްފަހު ކަމަށެވެ.

ހުރިހާ ކުދިންނަށް އަތް ދޮވެވޭނެ އިންތިޒާމާ ހުރިހާ ކުދިންނަށް ސާފުތާހިރުކަމާއެކު ދަރިވަރުންނަށް އުޅެވޭނެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއާއެކު ޔުނިސެފްގެ "ސްކޫލް ވޮޝް ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް، ސްކޫލްތަކުގެ ކުލާސްރޫމްތަކަށް 500 އެމްއެލްގެ 12,500 އަތްދޮންނަ ސައިބޯނި ފުޅި ހޯދަން ވެސް ވަނީ އިއުލާނު ކޮށްފައެވެ.

ކޮވިޑް19 އާގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފަ އެވެ. ނަމަވެސް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން ވީ އެންމެ އަވަހަކަށް ސްކޫލުތައް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.