28 Jun 2010, 15:58
19:00
މުސްތަޤްބަލުގައި، ދުނިޔޭގެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ މުހިންމު ކަމަކީ، ތިމާވެށްޓާ ރަށްޓެހި ގޮތްތައް ބޭނުންކުރުން އިތުރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިންގަޕޫރުގައި ބޭއްވޭ އޭޝިޔާ-ޕެސިފިކް ވޯޓަރ މިނިސްޓަރޒް ފޯރަމްގައި މިއަދު މެންދުރުފަހު ތަޤްރީރު ކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ރާއްޖޭގެ ސަރަޙައްދުގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަޙައްދު ކަމުގައިވިޔަސް، ރާއްޖެއަށްވަނީ ފެންލިބުމުގެ ދަތިކަން ވަރަށްބޮޑަށް ކުރިމަތިވެފައި ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގެ ގިނަ ރަށްރަށުގެ ބިމުގެ ފެން ފަށަލަވަނީ ލޮނުގެ އަސަރުކޮށް ވަރަށްބޮޑަށް ތަޣައްޔަރުވެފައި ކަމަށް ވިދާޅުވެ، އެކަމަށް ފެންނަން އޮތް ޙައްލަކީ ލޮނު، ފެނަށް ހަދައިގެން ބޭނުންކުރުންކަން ފާހަގަކުރެއްވި އެވެ. ނަމަވެސް ލޮނު ފެނަށް ހެދުމަކީ، ވަރަށް އަގުބޮޑު އަދި އެހާ ގިނައިން ހަކަތަ ބޭނުންވާ ކަމަކަށްވާތީ، މިއީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އަތްފޯރާވަރަށްވުރެ އަގުބޮޑު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ދުނިޔޭގެ ފެނުގެ ރައްކާތެރިކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ ފެނުގެ ވަސީލަތްތަކުގެ ދުރު މުސްތަޤްބަލުގެ ރައްކާތެރިކަމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ، މޫސުމަށް އަންނަ ބަދަލުތައް ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ނުރައްކާތެރި އަސަރުތައް ގުޅިފައިވަނީ ފެނާ ކަމުގައި ވިދާޅުވި އެވެ. މިގޮތުން، ދުނިޔޭގެ ބައެއް ސަރަޙައްދުތަކަށް އާދަޔާ ޚިލާފަށް ގިނައިން ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، މީހުންގެ ފުރާނައާއި ދަނޑުވެރިކަމަށް ގެއްލުން ލިބެމުންދާއިރު، އަނެއްބައި ހިސާބުތަކުގައި ވާރޭ ނުވެހުމުގެ ސަބަބުން ހަނަފަސްކަން އިތުރުވަމުންދާކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ މިބަދަލުތަކުގެ ސަބަބުން ފެނުގެ ވަސީލަތްތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެންމެނަށް ހަމަހަމަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުވައިދިނުމުގެ މުހިންމުކަން އިތުރުވެފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުވައިދިނުމަށްޓަކައި ޤައުމުތަކުން ކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުރިކަން ފާހަގަކުރައްވައި، މި ރޮނގުން ރާއްޖެއިން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވި އެވެ. އެގޮތުން، ރާއްޖޭގައި ހުރި ސާފު ފެނުގެ ކުޅިތަކާއި، ޗަސްބިންތައް ރައްކާތެރިކުރުމަށާއި، ރަށްގިރުމުގެ ސަބަބުން ބިމުގެ ފެންފަށަލަ ތަޣައްޔަރުވުން ކުޑަކުރުމަށްޓަކައި ގޮނޑުދޮށްތައް ޙިމާޔަތް ކުރުމުގެ މަސައްކަތާއި، ދަނޑުވެރިކަން ކުރުމުގައި މަދުން ފެން ބޭނުންވާފަދަ ގޮތްތައް ތަޢާރަފް ކުރަމުން ގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ރާއްޖެއިން ތިމާވެށްޓާ ރައްޓެހިގޮތުގައި ތަރައްޤީވާން ނިންމާފައިވަނީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބޭރުގެ ތެލަށް ރާއްޖެ ބަރޯސާވެފައިވާ މިންވަރުގެ ސަބަބުން، ރާއްޖެއަކީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ހަކަތައިގެ ރައްކާތެރިކަން ކުޑަ ޤައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ބޭނުންކުރެވޭ ފެނުގެ ބޮޑުބަޔަކީ، ޑީސެލިނޭޓް ކޮށްގެން ބޭނުންކުރެވޭ ފެންކަމަށްވާތީ، ފެނުގެ އަގުވެސްވަނީ ތެލާއި ކަރަންޓްގެ އަގާ ގުޅިފައި ކަމަށާއި، ނަމަވެސް، ރާއްޖެއިން ގިނައިން ލިބެންހުރި ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށް ބިނާކުރެވޭ އިޢާދަ ކުރަނިވި ހަކަތައިގެ ނިޒާމްތަކުގެ ސަބަބުން، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިއާއެކު، ޢިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ ސަބަބުން، ރާއްޖޭގެ ފެނުގެ ރައްކާތެރިކަންވެސް ބޮޑުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި އެވެ.