06 Jun 2020, 08:39
ދެކުނު ޕެސިފިކްގެ ގައުމެއް ކަމަށްވާ ފިޖީގައި ކޮވިޑް-19 ކޮންޓްރޯލުކޮށް އެ ވައިރަސްގެ ހުރިހާ ކޭސްތައް ހުސްވެއްޖެ ކަމަށް އެގައުމުން އިއުލާނުކޮށްފި އެވެ.
ފިޖީގެ ބޮޑުވަޒީރު ފްރޭންކް ބައިނަމާމާ ވިދާޅުވީ ގައުމުން އެވައިރަަސް ކޮންޓްރޯލު ކުރުމަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ކާމިޔާބުވެއްޖެ ކަމަށެވެ.
އެގޮތުން އެ ވައިރަސް އަށް ޕޮޒިޓިވްވެފައިވާ އެންމެ ފަހުގެ ކޭސް ރަނގަޅު ވުމާއެކު އެގައުމުގައި މިހާރު ކޮވިޑް-19 ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެގައުމުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވަމުން ގޮސް އެންމެ ފަހުން ޕޮޒިޓިވް ކޭހެއް ފެނިފައިވަނީ މީގެ 45 ދުވަސް ކުރީން ކަމަށެވެ. އެއަށްފަހު އެ ވައިރަސް އަށް ޕޮޒިޓިވް ކޭހެއް ފެނިފައި ނުވާ ކަމަށާއި އެ ވައިރަސް ޖެހުނު ހުރިހާ އެންމެންވެސް މިހާރު ރަނގަޅުވެފައިވާ ކަމަށް ފްރޭންކް ފާހަގަކުރެއްވި އެވެ.
ފްރޭންކް ވިދާޅުވީ އެގައުމުގައި ކޮވިޑް-19ގެ ރިކަވަރީ ރޭޓް ހުރީ 100 ޕަސެންޓުގައި ކަމަށެވެ.
ފިޖީ އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ މާޗު މަހުގެ މެދުތެރޭގައެވެ. އެގައުމުން 900،000 އާ އާބާދީ ގާތް ކުރާ ފިޖީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެންމެ 18 މީހުންނެވެ. އެގައުމުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ކޭސްތަކެއް ފެނިފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުގައެވެ. އެ ދުވަހު ފިޖީގައި ވައިރަސް އަށް ޕަސް މީހަކު ޕޮޒިޓިވްވި އެވެ.