28 Dec 2011, 18:25
މުޅި ރާއްޖޭގައި ބަނގުރާ ވިއްކުން ހުއްޓާލަން ސަރުކާރަށް ކެރޭ ކަމަށް ވާނަމަ އެކަމަށް ތާއީދުކުރާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް އުފައްދަވާފައިވާ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަޙްލޫފް ވިދާޅުވީ ކެރެންޏާ މުޅި ރާއްޖޭގައި ބަނގުރާ ވިއްކުން ހުއްޓާލަން ސަރުކާރަށް ގޮވާލާ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އެ ވާހަކަތަކަކީ މި މަހުގެ 23 ވަނަ ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން ޖެއްސުން ކުރަން ދައްކާ ވާހަތަކެއް ކަމަށާއި އެ މުޒާހަރާގައި ރިސޯޓުތަކުގައި ރާވިއްކުން ހުއްޓުވައި ދިނުމަށް ސަރުކާރަށް ޑިމާންޑް ކޮށްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ބަނގުރާ ވިއްކުން ހުއްޓާލާނަމަ އެކަން ކުރަން ވާނީ މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ކަމަށެވެ.
''އަޅުގަނޑު ގޮވާލަން ސަރުކާރަށް ކެރެންޏާ ރާވިއްކުން ހުއްޓާލަން. އެކަމަކު ރާ ވިއްކުން ހުއްޓާލާއިރު ހުއްޓާލަންވާނީ ހުރިހާ ރަށެއްގަ އެއްކޮށް ފުރަތަމަ ފެށުމުގެ ގޮތުން ޤާސިމް އިބްރާހިމްގެ ރިސޯޓުތަކުން ހުއްޓާލައިގެން ނުވާނެ... މިހާރު މީ ރައްޔިތުނަށް ޖެއްސުންކުރުމުގެ ގޮތުން ކުރާކަމެއް،'' އޭނާ ވިދާޅުވި އެވެ. ''އިޒްރޭލްގެ ފުލައިޓް ހުއްޓުވާލަދޭށޭ ބުނީމަ ހުއްޓުވާލީ ޤާސިމްގެ ފްލައިމީ. މާލޭގަ ހުރި މަސާޖް ކުރާތަންތަން ހުއްޓުވާލަ ދޭށޭ ބުނީމަ ހުއްޓުވާލީ ގާސިމްގެ ރިސޯޓުތަކުގަ ހުރި ތަންތަން. އެހެން މީހެއްގެ ރިސޯޓުގަ މިއިން ތަނެއް ނެތީތޯ؟''
ލިޔުމާ ގުޅޭ އޯޑިއޯ