28 Dec 2011, 17:49
ކޮޅުފުށީގައި ހާލުގައި ޖެހުނު މީހުނަށް އެހީތެރިވާން ޕީޕީއެމުން ގާއިމު ކުރި ފަންޑަށް ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބި، އެ ފައިސާ ކޮޅުފުށީ ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްދީފި އެވެ.
ކޮޅުފުށީ މީހުންނަށް ހާއްސަ ފަންޑެއް ޕީޕީއެމުން ގާއިމް ކުރީ މި މަހުގެ 19 ވަނަ ދުވަހު އެ ރަށު ވަގުތީ ހިޔާތަކުގައި އަލިފާން ރޯވެ ގެއްލުން ލިބުނު އާއިލާތަކަށް އެހީ ވުމަށެވެ.
ޕީޕީއެމުން މިއަދު ބުނީ ފަންޑަށް ފުރަތަމަ ލިބުނު 30003.48ރ. ކޮޅުފުށީ ކައުންސިލައަށް ހާވާލުކޮށްފައިވާ އިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ތެރޭގައި ބެހެއްޓި ފޮއްޓަށް މީހުން ހަދިޔާކުރި 23927.57ރ. ވެސް ކޮޅުފުއްޓާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޔުމްނާ މައުމޫން ވިދާޅުވީ ޕީޕީއެމުން ގާއިމް ކުރި ފަންޑަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު މާދަމާރޭ 11 ޖެހުމާއި ހަމައަށް އޮންނާނެ ކަމަށެވެ.
ކޮޅުފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި ގެދޮރު ގެއްލި ހާލުގަ ޖެހިފައިވާ އާއިލާތަކަށް އެހީތެރިވެ ދިނުމަށް ބައިލައްކަ ރުފިޔާ ދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބުރާހިމް ވެސް ވަނީ ވިދާޅުވެފަ އެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ފަތިހު ކޮޅުފުށީ ވަގުތީ ހިޔާތަކުގަ އަލިފާން ރޯވެ، ވަގުތީ ހިޔާގެ ގޮތުގަ ހުރި 40 ގެ ވަނީ އެއްކޮން އަނދައި ހުލިވެފަ އެވެ.