މިދިޔަ އަަހަރު އޮކްޓޯބަރު، ނޮވެމްބަރުގައި ހެދި އޭ ލެވެލް އިމްތިހާންގެ ސެޓްފިކެޓްތައް "އާޖަންޓް" ކޮށް ބޭނުންވާ ދަރިވަރުންނަށް އެ ސެޓްފިކެޓްތައް އަންނަ ހޯމަ ދުވަހުން ފެށިގެން ދޫކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ސެޓްފިކެޓްތައް ރާއްޖެ ގެނައިތާ ކުޑަ ދުވަސްކޮޅެއް ވެއްޖެ ކަަމަށެެވެ. އަދި މިހާރު އޭ ލެވެލް އިމްތިހާންގެ ސެންޓަރުތަަކަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަދި ސެޓެފިކެޓްތައް މި ފޮނުވުނީ މާލޭގެ ބައެއް ސެންޓަރުތަަކަށް. އާޖަންޓްކޮށް މިސާލަކަށް ރާއްޖެއިން ބޭރުގެ ކޯހަަކަށް އެޕްލައިކުރައްވަން ބޭނުންނަމަ ހޯމައިން ފެށިގެން ސެޓްފިކެޓް ދޫކުރާނެ. ނަމަވެސް އާންމުކޮށް ސެޓްފިކެޓް އަދި ދުލެއް ނުކުރާނެ" އޮފިޝަލް ވިދާޅުވި އެވެ.

އެއް ރަށުން އަނެއް ރަށަށް ދަތުރުތައް ފެށުނުހާ އަވަހަކަށް އަތޮޅުތެރެއަށް ވެސް ސެޓްފިކެޓްތައް ފޮނުވަން މަސައްކަތްކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށްފައިވާތީ ރާއްޖެއާ ހަމައަށް އަދި ސެޓްފިކެޓްތައް ގެނައުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު/ ނޮވެމްބަރު މަހު ހެދި އޯ ލެވެލް އިމްތިހާންގެ ސެޓްފިކެޓްތައްވެސް އަދިވެސް ނުލިބެ އެވެެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އޯ ލެެވެލް ސެޓްފިކެޓްތައް އަންނަ ހަފްތާގައި ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޯ ލެވެލް އިމްތިހާންގެ ނަތީޖާގެ ސެޓްފިކެޓް ނުލިބޭތީއާއެކު، ކުރިން ދޫކޮށްފައިވާ ނަތީޖާ ހިމެނޭ ޓްރާންސްކުްރިޕްޓް މަތީ ތައުލީމުގެ ފުރުސަތުތަކަށް ބޭނުންކުރަންވެސް މިނިސްޓްރީން ދާދި ފަހުން ވަނީ އިލްތިމާސްކޮށްފަ އެވެ.