ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދައުލަތަށް ބޮޑު ޖޫރިމަނާއެއް ދެއްކުމަށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާއަށް ހުކުމް ކޮށްފި އެވެ.

ޑިއެގޯ ކޮސްޓާ، 31 ގެ މައްޗަށް 1.1 މިލިއަން ޔޫރޯގެ އަދަދަކުން ޓެކުހަށް އޮޅުވާލުމުގެ ކުށް ސާބިތުވެފައިވާ އިރު އިއްޔެ ވަނީ ސްޕެއިނުގެ ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވައިފަ އެވެ. އެގޮތުން ޓެކުހަށް މަކަރު ހެދިކަމުގެ ކުށް ސާބިތުވުމާ އެކު އޭނާގެ މައްޗަށް 543,208 ޔޫރޯގެ ޖޫރިމަނާއަކާ އެކު ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ.

އެކަމަކު ސްޕެއިނުގެ ގާނޫނުގައި ވާގޮތުން ވަކި ކަހަލަ ކުށްތަކެއްގައި ހުކުމް ކުރެވޭ ދެ އަހަރު ދުވަހުގެ ޖަލު ހުކުމުގެ ބަދަލުގައި ވަކި އަދަދެއްގެ ޖޫރިމަނާއެއް ދައުލަތަށް ދެއްކުމުން އެ ހުކުމް މާފު ކޮށްދޭނެ އެވެ. ދުވާލަކަށް 100 ޔޫރޯގެ ޖޫރިމަނާއަކާ އެކު ކޮސްޓާއަށް ޖަލަށް ނުގޮސް ސަލާމަތްވީ 36،000 ޔޫރޯ އިތުރަށް ދެއްކުމަށް އެއްބަސް ވުމުންނެވެ.

ކޮސްޓާގެ ޓެކްހުގެ މައްސަލަތައް މިއަހަރުގެ ކުރީކޮޅު ފެންމަތިވި އިރު، އޭގެ ތެރޭގައި 2014 ވަނަ އަހަރު ޗެލްސީއިން އެތްލެޓިކޯއަށް ބަދަލުވި އިރު ޓްރާންސްފާ ފީ އަށް އޮޅުވާލުމާއި، އިމޭޖް ރައިޓްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީން ވެސް އޭނާ ވަނީ މަކަރު ހަދައިފަ އެވެ.

އިއްޔެ އޮތް ޝަރީއަތަށް ކޮސްޓާ ހާޒިރުވެފައިވަނީ ރައްކާތެރިކަމުގެ ގޮތުން މާސްކެއް އަޅައިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޓެކުހަށް މަކަރު ހެދުމާއި، އޮޅުވާލުމަކީ ފަހަކަށް އައިސް ފުޓުބޯޅައިގެ އެންމެ ވިދުން ގަދަ ތަރިންގެ ފަރާތުން ފެންނަމުން އަންނަ ކަމެކެވެ. އެގޮތުން މިފަހަކުން ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއާއި، މިހާރު ޔުވެންޓަސްއަށް ކުޅެމުން އަންނަ ކްރިސްޓިއޯނާ ރޮނާލްޑޯއަށް ވެސް ވަނީ ޓެކުހަށް މަކަރު ހެދި މައްސަލައިގައި މީގެ ކުރިން ހުކުމް ކޮށްފަ އެވެ.