28 Dec 2011, 17:13
އަންނަ އަހަރުގެ ބަޖެޓް ފާސްކުރި އިރު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ އަސާސީ ޕެންޝަނަށް 300ރ. އިތުރުކުރުމަށް ޑީއާރުޕީން ހުށައެޅި ހުށައެޅުމަށް އެމްޑީޕީން ވޯޓް ނުދިނީ އެ ޕެންޝަން މި އަހަރު ބޮޑުކުރަން ނިންމާފައި ވާތީ ކަމަށް އެ ޕާޓީން ބުނި ބުނުން ޑީއާރުޕީން މިއަދު ދޮގުކޮށްފި އެވެ.
ޑީއާރުޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑީއާރުޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބުދުﷲ މައުސޫމް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ދޭ ޕެންޝަން ބޮޑުކުރުމަށް ހުށައެޅި ހުށައެޅުމަށް އެމްޑީޕީން ވޯޓް ނުދިނީ ސަރުކާރުން އެ ޕެންޝަން ބޮޑުކުރުމަށް ނިންމާފައި ވާތީ ކަމަށް އެމްޑީޕީން ބުނި ބުނުމަކީ ދޮގެއް ކަމަށެވެ. އަދި އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފައި ނުވާކަން ހާމަވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެ ސިޓީ ވެސް މައުސޫމް މީޑިޔާ އަށް ދައްކަވާލެއްވި އެވެ.
"ހެލްތު މިނިސްޓްރީން އެބަ އޮތް ޕެންޝަން އެޑް މިނިސްޓްރޭޝަނަށް 21 ނޮވެމްބަރުގައި ސިޓީއެއް ފޮނުއްވާފައި. މި ސިޓީގައި މިއޮތީ ވިދާޅުވެފައި، ފިނޭންސް މިނިސްޓްރީއާ އެކު ވާހަކަ ދެއްކުމަށް ފަހު ޕެންޝަން ފައިސާގެ އަދަދު މުތޯލިއާ ކުރުމަށް ނުފެންނަ ކަމަށް ނިންމި ވާހަކަ،" ސިޓީ ދައްކަވަމުން މައުސޫމު ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ ޕެންޝަން ފައިސާ އިތުރުކުރަން ސަރުކާރުން ނިންމާފައި ނުވާކަމުގެ ހެއްކަކީ ހެލްތު މިނިސްޓަރު އާމިނަތު ޖަމީލު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ ފައިސާ އިތުރުކުރަން ނުފެންނަ ކަމަށް ވިދާޅުވި ވިދާޅުވުން ކަމަށެވެ.
މައުސޫމު ވިދާޅުވީ އަސާސީ ޕެންޝަން އިތުރުކުރަން ހުށައެޅި ހުށައެޅުމަށް އެމްޑީޕީން ވޯޓް ނުދިނީ އެ ޕެންޝަން ބޮޑުކުރަން ސަރުކާރުން ނިންމާފައިވާތީއެއް ނޫން ކަމަށެވެ. އަދި އެކަން ފާސްވީމާ އެހެން އެ ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލަން ވެގެން ކަމަށާއި އެކަމަށް ޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބުރާހިމް މުހައްމަދު ސޯލިހު މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
މައުސޫމު އަދި ވިދާޅުވީ މިސަރުކާރަކީ އޯގާތެރި ސަރުކާރެއް ނޫން ކަމަށާއި އެހެންވީ ރައްޔިތުންނަށް އެއްޗެއް ދޭން ބޭނުން ނުވަނީ ކަމަށެވެ.
ބަޖެޓް ފާސްވުމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސް ކޮންފަރެންސްގައި އެގްރޫޕްގެ ލީޑަރު އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޑީއާރުޕީން ހުށައެޅުމަށް ވޯޓް ނުދެއްވީ ހުށައެޅުއްވި އަދަދަކީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާ މިންވަރަށް ބަލާ އިރު މާ ކުޑަ އަދަދެއް ކަމަށް ވާތީ ކަމަށެވެ. އަދި އެ ފައިސާ އިތުރުކުރަން ހެލްތު މިނިސްޓްރީން ކުރިން ވެސް އޮތީ ނިންމާފައި ކަމަށާއި އިނާޔަތްތައް ލިބޭ ފަރާތްތަކުގެ ތެރެއިން ވަކި ބަޔަކަށް ފައިސާ އިތުރު ކުރަން ބޭނުން ނުވުމަކީ ވެސް ވޯޓް ނުދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.