ކޮވިޑް-19އާ ގުޅިގެން ގްރޭޓާ މާލޭ ސަރަހައްދަށް ގެނެސްފައިވާ ފުރަބަންދާ ގުޅިގެން އެކި ބޭނުންތަކަށް ދޫކުރަމުން އައި ހުރިހާ ހުއްދަތަކަށް މީގެފަހުން ޕޮލިސް ޕޯޓަލްއަށް އެދެންޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

މީގެ ކުރިން ބައެއް ހުއްދަތައް ހޯދުމަށް އެދި ހުށަހަޅަން ޖެހެނީީ މާލެ ސިޓީ ކައުންސިލް އަދި އިކޮނޮމިކް މިނިސްޓްރީއަށެވެ.

މިރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މާދަމާއިން ފެށިގެން އިކޮނޮމިކް މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލުން އެކި އެކި ބޭނުންތައްކަށް ދެމުން އައި ހުއްދަތަކަށް ދެން އެދެން ޖެހޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.

"ވިޔަފާރިތަކުން އޮފީސް ހުޅުވުމަށް މީގެ ކުރިން އެދިވަޑައިގަންނަމުން ދިޔައީ މިނިސްޓްރީގެ ޕޯޓަލްއަށް. އެހެންނަމަވެސް މާދަމާ އިން ފެށިގެން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅުމުން އައި އެޕްލިކޭޝަންތައް އަލަށް ހުށަހަޅަން ބޭނުންވާ ފަރާތްތައް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ،" ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ، އެގޮތަށް ނިންމި ނަމަވެސް މީގެ ކުރިން ހުއްދައަށް އެދިފައިވާ ބޭފުޅުން އެޕްލިކޭޝަންތައް އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށާއި އެ އެޕްލިކޭޝަންތަކަށް ހުއްދަ ދެމުންދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ސިޓީ ކައުންސިލަށް ހުއްދައަށް އެދި ހުށަހަޅާފައިވާ ވިޔާފަރިތަކަށް ހުއްދަ ދީފައިި ނުވާނަމަ، އަލުން ޕޮލިސް ޕޯޓަލްއަށް ހުށަހެޅުއްވުމަށް ވިސާމް އެދިވަޑައިގެންނެވި އެވެ.

"މީގެ ކުރިން ފިހާރަ ނުވަތަ ވިޔަފާރިތަކަށް ހުއްދައަށް އެދި ހުށަހަޅުއްވަން ޖެހެނީ މާލެ ސިޓީ ކައުންސިލަށް ހުށަހަޅާ ގޮތަށް. ނަމަވެސް މިހާރު އެ ހުށަހެޅުންތައްވެސް އިތުރަށް ޕާމިޓަށް އެދިވަޑައިގަންނަވަން ހުށަހަޅުއްވަން ޖެހޭނީ ޕޮލިސްއަށް. މީގެ މާނައަކީ މިހާތަނަށް ޕާމިޓަށް އެދިވަޑައިގެންފައި ޕާމިޓް ލިބިވަޑައިނުގަންނަވާ ފަރާތްތައްވެސް ޕޮލިސް ޕޯޓަލްއަށް ހުށަހެޅުން،" ވިސާމް ވިދާޅުވިއެވެ.

މިގޮތަށް ނިންމެވި ސަބަބަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިސާމް ވިދާޅުވީ، އެ ނިންމުމަކީ ލޮކްޑައުން ޓާސްކްފޯސްގެ ނިންމުމެއް ކަމަށެވެ. އެ ނިންމުން ނިންމީ ބައެއް ކަހަލަ އޮޅުންތަކެއް އަރައި މިހާރު ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ނިޔަތުގައި ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

"އެއީ ތަންކޮޅެއް ބޮޑަށް ސްޓީމްލައިންކުރެވިގެން އެކަންތައް ކުރުމަކީ މިވަގުތު ލޮކްޑައުންގެ ޓާސްކްފޯސްގެ ނިންމުމާއެކު. އެއީ މިހާރު މިހުރި ޑޭޓާ އެރޯގައި ހުރި ކަންކަތައް ހައްލު ކުރުމުގެ ނިޔަތުގައި ވަކި ގޮތެއް އަންގަންދެން ފުލުހުން މެދުވެރިކޮަށް ހުއްދަތައް އިޝޫކުރުމަށް،" ވިސާމް ވިދާޅުވިއެވެ.