ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާރޑް މުހައްމަދު ނާޒިމް މެދުވެރިކޮށް މެލޭޝިޔާގެ ލިންބާގް ހޯލްޑިންގެ ފައުންޑަރު ޑާޓަކް ވިރާ ލިންގް ކާ ޗޮކް 1000 ޕާސަންލަ ޕްރޮޓެކްސަން އިކުއިޕްމެންޓް ސެޓް (ޕީޕީއީ) ރާއްޖެ އަށް ހަދިޔާ ކުރައްވައިފި އެވެ.

މީގެ ކުރިން ލިންބާގްގެ ވެރިޔާ ރާއްޖެ އަށް ހަދިޔާކޮށްފައިވަނީ، 60،000 ފޭސް މާސްކެވެ. އެ ތަކެތި ހަދިޔާ ކޮށްފައިވަނީ ވެސް ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް މެދުވެރިކޮށެވެ.

ޕީޕީއީ ސެޓްތައް ނާޒިމް ވަނީ މިއަދު ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އާ ހަވާލު ކޮށްފަ އެވެ.

ލިންބާގް ހޯލްޑިންގެ ފައުންޑަރު ޑާޓަކް ވިރާ ލިންގް ކާ ޗޮކް އަކީ ގްރޭންޑާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުވެސް މެއެވެ. ގްރޭންޑާ އިންޓަނޭޝަނަލް އަކީ ރާއްޖޭގައި އޮޕަރޭޓުކުރާ ހޮލިޑޭ ޑިވެލޮޕްމެންޓް ކުންފުންޏެކެވެ. މެންބަރު ނާޒިމް އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ.

ލިންގް ކާ ވަނީ ރާއްޖޭގައި ކޮވިޑް 19 އާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކާއި އަޅާފައިވާ ފިޔަވަޅުތައް ފާހަގަކޮށް ތައުރީފު ކުރައްވައިފައެވެ. ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިގްތިސޯދު ކޮޅަށްޖެހުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.