28 Dec 2011, 17:02
ނިޕޮން ހަތް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ބުރުގައި އިއްޔެ ޑީ ބާސްކެޓްބޯލް ކުލަބާއި އާއި ދެކޮޅަށް ކުޅުނު މެޗް ހަރިކޭން ބާސްކެޓްބޯލް ކުލަބު ކާމިޔާބު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މިމެޗް ހަރިކޭން އިން ކާމިޔާބު ކުރީ 59 ޕޮއިންޓް 53 ޕޮއިންޓުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ހަރިކޭން އަށް 13 ޕޮއިންޓް ހޯދައިދިން މުހައްމަދު މަހުދީ އެވެ.
ލީގުގެ އެއްވަނާގައި ވަގުތީ ގޮތުން ހަރިކޭން އޮތީ ކުޅުނު ހަ މެޗުން އެގާރަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެޑްލައިން ކުލަބު ކުޅުނު ފަސް މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ތިންވަނާގައި އޮތް ޓީރެކްސް އަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނާގައިވާ ޑީ ބާސްކެޓްބޯލް ކުލަބު ކުޅުނު ހަ މެޗުން ލިބިފައިވަނީ ވެސް ހަތް ޕޮއިންޓެވެ.
ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ދަނީ ދެ ބުރަކަށް ބަހައިލައިގެންނެވެ. އެގޮތުން ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ދެ ވަނަ ބުރަށް ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ދެ ބުރު އެއްކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
މިމުބާރާތުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ރެޑްލައިން ކުލަބާއި ޓީރެކްސް ބާސްކެޓްބޯލް ކުލަބެވެ.