ކޮވިޑް19 އާ ގުޅިގެން މާލެ އަދި ހުޅުމާލެ ޖަލުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް އެލާޓް ލެވަލް ވެސް ދަށް ކޮށްފި އެވެ.

ސަރުކާރުން އައު އާންމު ހާލަތު އިއުލާންކުރުމުން، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދުމީހުން އަދި އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމައި، އުސޫލެއް ވަނީ އެކުލަވާލައިފިއެވެ.

އެ އުސޫލަށް މިދިޔަ ހޯމަ ދުވަހު އަމަލު ކުރަން ފަށާފައިވާއިރު، އެންމެ ފުރަތަމަ ލުއި ދީފައިވަނީ މާލެ އާއި ހުޅުމާލެ ޖަލު ފިޔަވައި އެހެން ރަށްތަކުގައި ހުރި ޖަލުތަކަށެވެ.

އަދި މިއަދު ވަނީ މާލެ އަދި ހުޅުމާލެ ޖަލުގައި ވެސް އެ އުސޫލަށް އަމަލުކުރަން ފަށައި އެލާޓް ލެވަލް ދަށް ކޮށްފައި ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ލޮކްޑައުންގައި އެ ދެ ޖަލުގައި މެދުކެނޑުމެއްނެތި 50 ދުވަހު ޕްރިޒަން އޮފިޝަރުން ޑިއުޓީކޮށްފައިވާ ކަން ވެސް އަހްމަދު ފާހަގަކުރެއްވި އެވެ.

ކަރެކްޝަނުން އެކުލަވާލި އުސޫލުގައި ބުނެފައިވާ ގޮތުުން،ކޮވިޑް19 އާ ގުޅިގެން ޖަލުތަކުގައި އަޅާފައިިވާ ފިޔަވަޅުތަކަށް ލުއި ދޭނީ ތިން މަރުހަލާއަކަށް ބަހާލައިިގެން ކަމަށެވެ.

ފުރަތަމަ މަރުހަލާ ފެށިގެން ދާނީ މާލެ ފުރަބަންދު ކޮށްފައި އޮތްއޮތުމަށް ނިމުމަކަށް އައުމުން ނުވަތަ އެކަމަށް ލުއިތަކެއް ދިނުމަށް ނިންމާ ހިސާބުންނެވެ.

ދެވަނަ މަރުހަލާ ފެށިގެންދާނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުޅުވާލާ ހިސާބުންނެވެ. އަދި ތިން ވަނަ މަރުހަލާ ފެށިގެން ދާނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ހިސާބުންނެވެ.

ފުރަތަމަ މަރުހަލާގެ ދަށުން ޖަލުތަކުގެ އެތެރޭގައި ހުއްޓިފައިވާ ކަންތައްތައް އަލުން ފެށޭނެ ކަމަށާއި ދެވަނަ މަރުހަލާގައި ޖަލުގެ ބޭރުން ކުރެވޭ ބައެއް ކަންތައްތައް ފެށިގެންދާއިރު، ތިން ވަނަ މަރުހަލާގައި އިތުރު ލުއިތައް ލިބިގެންދާނެ ކަމަށް އުސޫލުގައިވެއެވެ.

ފުރަތަމަ މަރުހަލާގެ ލުއިތައް:

  • މާފުށީ ޖަލާއި އައްސޭރި ޖަލު އެލާޓްކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުން

  • ޖަލު ސަރަހައްދުން ބޭރުގައި ދިރިއުޅޭ އޮފިސަރުންނާއި މުވައްޒަފުން ޑިއުޓީ ނިންމުމަށްފަހު ގޭގައި ތިބުން
  • އެލަވަންސް ވަޒީފާ އަދާކުރާ ގައިދީން މަސައްކަތަށް ނެރުން އަދި ނެރޭ އިރު ގައިދީން މާސްކް އެޅުވުން
  • ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށް ގެންދާ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ފެށުން
  • އެ ޖަލެއްގައި ބަންދުކޮށްފައި ތިބޭ ދެމަފިރިންނަށް އެކަހެރި ބައްދަލުވުން ދިނުން

އެހެން ނަމަވެސް ޖަލުން ނުވަތަ ޖަލު ހުރި ރަށަކުން ކޮވިޑް19 އަށް ޕޮޒިޓިވް މީހަކު ފެނިއްޖެ ނަމަ، ނުވަތަ އެ ރަށެއް މޮނީޓަރިންގ ހާލަތަށް ގެންގޮސްފި ނަމަ، ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް، ޖަލުގެ އެލާޓް ލެވެލް އަށް ބަދަލުގެނެވި ލުއި ދިނުމުގެ މަރުހަލާތައް މެދު ކަނޑާލެވޭނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، ޖަލުގައި ތިބި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރުވެސް އަޅަމުންދާ ގިނަ ފިޔަވަޅުތައް މެދު ކެނޑުމެއްނެތި ކުރިއަށް ގެންދާނެއެވެ.

ހާއްސަކޮށް އަތް ދޮވުމާއި ޑިސްއިންފެކްޓްކުރުމަށާއި ސާފުތާހިރުކަމަށް އިސްކުރުމުގެ އިތުރުން ހުރިހާ ފަރާތެއްވެސް ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމަތްތައް ހުރިތޯ ކޮންމެ ދުވަހަކު ޗެކްކުރުމާއި، އެފަދަ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި އަޅާނެ ފިޔަވަޅުތައް ހަމަޖައްސާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އަދި ގައިދީންނާއި ބަންދުމީހުންނަށް ޝަކުވާ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ހުރިހާ މަރުހަލާއެއްގައިވެސް ކުރިއަށް ދާނެއެވެ.

ކޮވިޑް19 ގެ ރެންޑަން ސާމްޕަލްތަކެއް ހުރިހާ ޖަލަކުން ވެސް ވަނީ ނަގައިފައެވެ. އެހެން ނަމަވެސް ޖަލުތަކުން ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ވައިރަހަށް ނެގެޓިވް ވެފައެވެ.