ޓޮޓެންހަމް ހޮޓްސްޕާ އަށް ގެރެތް ބޭލް ކާމިޔާބު ކޮށްދިން ދެލަނޑާއި އެކު، ޕްރެމިއާ ލީގުގައި ނޮވިޗް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެއްޖެ އެވެ. ވޮލްސް އިން އާސެނަލް ހިފެހެއްޓި އިރު، ސްވަންސީ ސިޓީ އާއި ކުއީން ޕާކް ރޭންޖާސް ކުޅުނު މެޗު ވެސް ނިމިގެންދިޔައީ އެއްވަރު ވެގެންނެވެ.

ޓޮޓެންހަމް ހޮޓްސްޕާ އާއި ނޮވިޗް ސިޓީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުން ގެރަތް ބޭލް ވަނީ ނޮވިޗްގެ ގޯލު ހުޅުވާލާ ޓޮޓެންހަމް އަށް ލީޑު ހޯދައިދީފަ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި ބޭލް ވަނީ ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދީފަ އެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ވޮލްވްސްގެ މައްޗަށް އާސެނަލް އަށް ކުރި ހޯދިފައެއް ނުވެއެވެ. މެޗުގެ އަށްވަނަ މިނެޓުގައި ޖާވިނީއޯ ވަނީ އާސެނަލް އަށް ލީޑު ހޯދައިދީފަ އެވެ. ނަމަވެސް 38 ވަނަ މިނެޓުގައި ސްޓީވަން ފްލެޗާ ވަނީ ވޮލްވްސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 75 ވަނަ މިނެޓުގައި ވޮލްވްސްގެ ނެނާންޑް މިލިޖަސް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކާފަ އެވެ. އެކަމުގެ ފައިދާ އާސެނަލް އިން ނަގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ވޮލްވްސްގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ. މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ކުޔުޕީއާރު އާއި ދެކޮޅަށް ސްވަންސީ ބައްދަލުކުރި މެޗުން އެޓީމުން ލީޑު ނެގީ މެޗުގެ ސާދަ ވަނަ މިނެޓުގައި އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނީ ގްރަހަމް އެވެ. މެޗުގެ ފުރަތަމަ ހާފު ސްވަންސީ ކުރީގައި އޮވެ ނިންމާލި ނަމަވެސް މެޗުގެ 58 ވަނަ މިނެޓުގައި ޖެމީ މެކީ ވަނީ ކުޔުޕީއާރު އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ޕްރެމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، 45 ޕޮއިންޓާއެކު އެއްވަނާގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ދެވަނާގައި އޮތް މެންޔުނައިޓެޑާއި މެންސިޓީ ޕޮއިންޓްގެ ގޮތުން ހަމަހަމަވީ ނަމަވެސް މެންސިޓީ އެއްވަނާގައި އޮތީ ގޯލުގެ ތަފާތުން ކުރީގައި އޮތުމުގެ ސަބަބުން ނެވެ. 38 ޕޮއިންޓާއެކު ތިންވަނާގައި ޓޮޓެންހަމް ހޮޓްސްޕާ އޮތްއިރު، 34 ޕޮއިންޓާއެކު ހަތަރުވަނާގައި އޮތީ ޗެލްސީ އެވެ.