04 Jun 2020, 17:56
ވޮޝިންޓަން ( 4ޖޫން 2020): ރައީސް ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާ ބައިބައިކޮށްލުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް ދެއްވި ބަހުގެ ޙަމަލާތަކަށް ޓްރަމްޕް ހަރުކަށި ރައްދެއް ދެއްވައިފިއެވެ.
މަޓިސް އަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ ސިފައިންގެ ތެރެއިން މަޓިސް ބޭރުކޮށްލެވުމަކީ ކުރެވުނު ރަނގަނޅު ކަމެއްކަން މިހާރު ގަބޫލުކުރެވިއްޖެ ކަމަށާ މަޓިސްއަކީ ވައްވައްޖަހަމުންދާ ކުއްތާއެއްފަދަ ބޭފުޅެއް ކަމުގައެވެ. ޓްރަމްޕް މިގޮތަށް ރައްދު ދެއްވީ އެމެރިކާގެ ރައީސްކަމުގެ މަގާމަށް ޓްރަމްޕް ފަދަ ތަސައްރަފު ނުފުދޭ ބޭފުޅަކު މިހާތަނަށް އައިސްފައި ނުވާކަމަށާ ޓްރަމްޕް މަސައްކަތް ކުރައްވަނީ އެމެރިކާ ބައިބައި ކޮށްލުމަށް ކަމަށް ވިދާޅުވެ މަޓިސް ބަޔާނެއް ނެރުއްވުމުންނެވެ.
މަޓިސްއަކީ އެމެރިކާ ސިފައިންގެ ކޮމާންޑާއި ސްޓާފް ލެވެލްގެ މަތީ މަގާމުތަކެއް އެތަށް އަހަރެއްވަންދެން އަދާކުރެއްވުމަށްފަހު މުސްކުޅި ކުރައްވާފައިވާ ބޭފުޅެކެވެ. ފަސް ތަރީގެ ޖެނެރަލެއް ކަމަށްވާ މަޓިސް މުސްކުޅި ކުރެއްވީ އޮބާމާގެ ވެރިކަމުގައެވެ. ނަމަވެސް ޓްރަމްޕް ގެ ވެރިކަމުގެ ކުރީކޮޅު ޓްރަމްޕް ވަނީ މަޓިސް ދިފާއީ ވަޒީރަކަށް އައްޔަން ކުރައްވާފައެވެ. އެއީ ސިޔާސީ މަގާމެކެވެ. ޓްރަމްޕް، މަޓިސް ދިފާއީ ވަޒީރު ކަމުން ދުރުކުރީ މިދިޔައަހަރުއެވެ.
މަޓިސް ގެ ބަޔާނާ ގުޅިގެން ކޯފާވެވަޑައިގެން ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވަނީ އެމެރިކާ ސިފައިންގެ ލަޝްކަރުތަކުން މަޓިސް ބޭރުކޮށްލުމުގައި އޮބާމާވެސް އޭނާއާ ހިއްސާވެވަޑައިގެންނެވި ކަމަށާ އެއީ ހާސިލް ކުރެވުނު ޝަރަފެއްކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް މަޓިސް ގެ އިތުރުން އެމެރިކާގެ ނަންމަޝްހޫރު އެތަށް ބޭފުޅަކުވެސްވަނީ ޓްރަމްޕަކީ އެމެރިކާގެ ރިޔާސަތަށް ކުފޫ ހަމަނުވާ އަދި ރައީސްކަމަށް ކުޑަކޮށްވެސް ތަސައްރަފު ނުފުދޭ ބޭފުޅެއްކަމަށް ސިފަކުރައްވާފައެވެ.
ކޮވިޑް-19 އެމެރިކާގައި ކޮންޓްރޯލް ކުރުމުގައި ޓްރަމްޕް ނާކާމިޔާބުވުމުގެ އިތުރުން އެމެރިކާގައި އޮންނަ ނަސްލީ އިމްތިޔާޒާ ދެކޮޅަށް އާންމު ރައްޔިތުން ހިންގާ އިހްތިޖާޖުގެ ހަރަކާތްތަކާ ދެކޮޅަށްވެސް ރައީސަކު ބޭނުން ކުރަން ނުވާވަރުގެ ހަރުކަށި ބަސްތައް ޓްރަމްޕްވަނީ ބޭނުން ކުރައްވާފައެވެ. ޓްރަމްޕްގެ މި ސުލޫކުގެ ސަބަބުން ޓްރަމްޕް ގާނޫނި ގޮތުން އެމެރިކާގެ ރައިސްކަމުގައި ހުންނެވި ނަމަވެސް ޓްރަމްޕްގެ ވެރިކަން ހަގީގަތުގައިވަނީ ނިމިފައި ކަމަށާ އެމެރިކާގެ ރައްޔިތުން ރައީސްކަމަށް ދެން ޓްރަމްޕް އިންތިޚާބު ނުކުރާނެކަމަށް އެމެރިކާގެ ކުރީގެ ވަޒީރެއްކަމަށްވާ ރޮބަޓް ރެއިޗްވެސް ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ފުލުހުން އެގައުމުގެ ކަޅު ނަސްލުގެ ރައްޔިތެއްކަމަށްވާ ޖޯޖް ފްލޮއިޑް ވަރަށް އަނިޔާވެރި ގޮތަކަށް މަރާ ގުޅިގެން އިންސާފަށް ގޮވާލައި އެމެރިކާގައި ކުރިޔަށް ގެންދާ މުޒާހަރާތައް ވައިޓްހައުސް ގެ ކުރިމަތީގައި ކުރިއިރު އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެމެރިކާގެ ފުލުހުން ވަރަށް ވަރުގަދައަށް ކަރުނަގޭސް ބޭނުންކުރިކަން ކަށަވަރު ވެފައިވާއިރުވެސް ޓްރަމްޕްވަނީ އެކަމަށްވެސް އިންކާރު ކުރައްވައި ހަގީގަތާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
އަދި މުޒާހަރާތަކުގައި ތަންތަނަށް ގެއްލުންދޭ މީހުންގެ ގަޔަށް ބަޑިޖަހާނެކަމަށް ވިދާޅުވެ ޓްރަމްޕް ދެއްކެވި ހަރުކަށި ވާހަކަތަކަކީވެސް މިފަދަ ދަނޑިވަޅެއްގައި ގައުމެއްގެ ރައީސަކު ދައްކަވާފަދަ ވާހަކައެއް ނޫންކަމަށް އެމެރިކާގެ އާންމުންނާއި ހަރުމީހުން ބުނެއެވެ.
މިދަނޑިވަޅުގައިވެސް އެމެރިކާގެ ކަޅު ނަސްލުގެ މީހުންނާއި ދޮން ނަސްލުގެ މީހުން ސުލްހަކުރުވައި ގައުމަށް ހަމަޖެހުން ގެނައުމާ ބެހޭ ވާހަކަތައް ދެއްކެވުމުގެ ބަދަލުގައި ޓްރަމްޕް ގެ ފަރާތުން ފެންނަމުންދަނީ ކަޅު ނަސްލުގެ މީހުންދެކެ ރުޅިއަންނަ ދޮން ނަސްލުގެ ހައްދު ފަހަނަޅާފައިވާ މީހުންގެ ފަރާތުން ފެންނަ ސުލޫކު ކަމަށްވެސް އެފަރާތްތަކުން ސިފަކުރެއެވެ. (ނޫސްއެޖެންސީތައް)