04 Jun 2020, 16:54
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް މަޖިލީހުގެ އިދާރާގައި ބޭއްވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ކޮވިޑް19އާ ގުޅިގެން މިހާތަނަށް ކޮމިޓީގެ ބައްދަލުވުންތައް ބާއްވަމުން ގެންދިޔައީ މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށެވެ.
ކޮމިޓީތަކުގެ ބައްދަލުވުންތައް މަޖިލީހުގައި ބޭއްވުމަށް ރައީސް ނަޝީދު މިއަދު ވަނީ ކޮމިޓީތަކުގެ މުގައްރިއުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެދިވަޑައިގެންފަ އެވެ.
މުގައްރިއުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، ބޭއްވި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިޒަސް (އެސްއޯއީ) ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ، ކޮމިޓީތައް ދެން މަޖިލީހުގައި ބޭއްވުމަށް މަޖިލިސް ރައީސް އަންގަވާފައިވާ ކަމަށެވެ.
"މަޖިލިސް ރައީސް ވިދާޅުުވީ ކޮމިޓީތައް ދެން މުޅިން ހިނގަންވާނީ މަޖިލިސްގައި ކަމަށް. އެއީ ޝޯޝަލް ޑިސްޓެންސިންގެ މިންގަނޑުތައް ބަހައްޓައިގެން މަޖިލިސްގައި ކޮމިޓީތައްވެސް އަދި މަޖިލިސް ޖަލްސާތައްވެސް އޮންނާނެ ވާހަކަ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ، އެ އެންގުމާއެކު އަންނަ ހަފްތާއިން ފެށިގެން އެސްއޯއީ ކޮމިޓީގެ ބައްދަލުވުންތައްވެސް ދެން ބާއްވާނީ މަޖިލިސްގައި ކަމަށެވެ.
"ދެވަނަކަމަށް މަޖިލިސް ރައީސް ވިދާޅުވީ، އެކި ކޮމިޓީތަކުގައި ހުރި މަސައްލަތައް ޕްރިއޯރަޓައިޒްކޮށްގެން އައިޑެންޓިފައި ކުރުމަށްފަހު އަމީން އާންމަށް އެންގުމަށް. އެހެންވީމަ އަޅުގަނޑުމެން ކޮމިޓީތަކުގައި ހުރި މައްސަލަތައް މަޝްވަރާކުރުމަށްފަހު މަޖިލިސް ރައީސްއަށް އަރުވާނަން،" މުގައްރިރުންނާއެކު ބޭއްވި ބައްދަލުވުންތަކާ ގުޅޭ މައުލޫމާތު މެމްބަރުންނާ ހިއްސާ ކުރައްވައި، އިލްޔާސް ވިދާޅުވި އެވެ.
މިދިޔަ ހަފްތާއިން ފެށިގެން މަޖިލީހުގައި، މަޖިލިސް ޖަލްސާތައް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ހާއްސަ އިންޒާމުތަކެއްގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު، މަޖިލިސް ތަޅުމުގައި ޖަލްސާ ބޭއްވޭނެ ކަމަށް ހެލްތް ޕްރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން މަޖިލީހަށް ދަންނަވާފައެވެ.
އެޗްޕީއޭ އިން އަންގާފައިވަނީ، މީހުން އެއްތަނަކަށް އެއްވެގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ މި ދުވަސްވަރު ނުބޭއްވުމަށެވެ. އަދި އެންމެ އެދެވިގެން ވަނީ ވާޗުއަލްކޮށް ޖަލްސާ ބޭއްވުން ކަމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.
މަޖިލީހުގައި ދާއިމީ 18 ކޮމިޓީއެއް އޮވެ އެވެ.