ވޮޝިންޓަން ( 4ޖޫން 2020) : ނަސްލީ އިމްތިޔާޒާ ދެކޮޅަށް އެމެރިކާގެ ރައްޔިތުން ކުރިޔަށް ގެންދާ އިހްތިޖާޖްތަކާ މުއާމަލާތް ކުރުމުގައި ވައިޓް ހައުސް އާއި ޕެންޓަގަން (ދިފާއީ ވުޒާރާ) އާ ދެމެދު ޚިޔާލު ތަފާތު ވެއްޖެ އެވެ.

ޚިޔާލު ތަފާތުވީ އިހްތިޖާޖްތައް ހުއްޓުވުމަށް ޓަކައި އެމެރިކާ ސިފައިންގެ ލަޝްކަރުތައް ނެރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ސިޔާސަތަށް ދިފާއީ ވަޒީރު މާކް އެސްޕާ ދެކޮޅު ހެއްދެވުމުންނެވެ. އެސްޕާ ވިދާޅުވީ ސިފައިންގެ ލަޝްކަރުތަކަކީ ބޭރުގެ ދުޝްމަނުންގެ ކިބައިން ގައުމު ދިފާއު ކުރުމަށް ތިބޭ ބައެއްކަމަށާ އެމެރިކާގެ ދާޚިލީ ކަމަކާ ގުޅިގެން ރައްޔިތުން ހިންގާ ހަރަކާތްތަކާ ދެކޮޅަށް ސިފައިން ނެރުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާކަމެއް ނޫންކަމުގައެވެ.

މިފަދަ ކަމެއްކޮށްފި ނަމަ ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިން ވަނުމުގެ ނުބައި ދޮރެއް ހުޅުވިގެން ދާނެކަމަށާއި ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިން ނުވަނުމަށް ޒާމާނުއްސުރެ އެމެރިކާގައި އޮންނަ ޕްރިންސިޕަލް ހިފަހައްޓަންޖެހޭ ކަމަށް އެސްޕާ ވިދާޅުވިއެވެ.

އެމެރިކާގެ އެތެރޭގައި ސުލްހައާއި ހަމަޖެހުން ގާއިމް ކުރުމުގައި ފުލުހުންނާއި ނެޝަނަލް ގާޑުން ނުކުޅެދިއްޖެ ހާލަތެއްގައި އެކަމަށްޓަކައި ސިފައިންގެ ލަޝްކަރުތައް ނެރުމުގެ ބާރު އެމެރިކާގެ ފެޑްރަލް ގާނޫނުގައި ރައީސަށް ލިބިދީފައިވެއެވެ. މިކަމާބެހޭ ގޮތުން ދިފާއީ ވަޒީރު އެސްޕާ ވިދާޅުވީ މިހާރު އެމެރިކާގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ ފެޑްރަލް ގާނޫނުގައި ބުނާ ހާލަތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމުގައެވެ. ސިފައިން ނެރެންޖެހޭނީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް ދާޚިލީ ހަމަނުޖެހުން ދިޔުމާއެކު އަޅަންޖެހޭ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންކަމާއި އެމެރިކާގެ އިޙްތިޖާޖުތައް އެހިސާބަށް ނުދާކަމަށް އެސްޕާ ވިދާޅުވިއެވެ.

އެމެރިކާގައި ކުރިޔަށްދާ އިހްތިޖާޖްތައް ބާރުގެ ބޭނުންކޮށްގެން ހުއްޓުވުމަށް ޓަކައި ސިފައިންގެ ލަޝްކަރުތައް ނެރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ވިސްނުމާދެކޮޅަށް ދިފާއީ ވަޒީރު އެސްޕާ ވާހަކަ ދެއްކެވުމުން ޓްރަމްޕް ވަނީ ހިތްޕުޅު ހަމަޖެހިވަޑައިނުގެންފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ވައިޓް ހައުސްގެ ތަރްޖަމާން ކޭލެއި މެކެނަނީ ވަނީ ޓްރަމްޕްގެ އިތުބާރު އެސްޕާއަށް އަދިވެސް އެބައޮތް ކަމަށާ އިތުބާރު ގެއްލިއްޖެނަމަ އެސްޕާއަށް އެކަން އަންގައި ދެން އަޅަންޖެޙޭ ފިޔަވަޅެއް ޓްރަމްޕް އަޅުއްވާނެކަމުގައެވެ. ނަމަވެސް ފަހުން ޓްރަމްޕްވަނީ މިވަގުތު ސިފައިން ނެރެންޖެހޭ ހިސާބަށް ކަންތައްތައް ނުދާކަމަށް ވިދާޅުވެ އޭނޭގެ ކުރީގެ ޚިޔާލު ބަދަލުކުރައްވާފައެވެ.

ނަސްލީ އިމްތިޔާޒާ ދެކޮޅަށް އެމެރިކާގެ ރައްޔިތުން ކުރިޔަށް ގެންދާ އިހްތިޖާޖްތައް މުޅި އެމެރިކާގައި ފެތުރިފައިވާ އިރު އެކަން ހުއްޓުވުމުގެ މައްސަލާގައި އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުންނާއި ޓްރަމްޕާ ދެމެދުވެސް ވަނީ ޚިޔާލު ތަފާތުވެފަ އެވެ. މިމައްސަލާގައި ޚިޔާލު ތަފާތުވެ ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުންވަނީ އިހްތިޖާޖްތައް ހުއްޓުވުމަށް ޓަކައި ނެޝަނަލް ގާޑުންގެ ލަޝްކަރުތައް ނެރުމަށް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމަށް ފާޅުގައި ދެކޮޅު ހައްދަވައިފަ އެވެ.

އެމެރިކާގެ ގާނޫނުތަކުގައި ނެޝަނަލް ގާޑުންގެ ލަޝްކަރުތައް ނެރުމުގެ ބާރު އޮންނަނީ ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކަށެވެ. އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުން ރައީސާ ދެކޮޅަށް ބަޔާންތައް ދެއްވުމަކީ ވަރަށް ނުހިނގާ ކަމެކެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މައްސަލާގައާއި މިހާރު ކުރިޔަށްދާ އިޙްތިޖާޖްތަކާ ގުޅިގެން ބައެއް ގަވަރުނަރުންވަނީ ޓްރަމްޕްގެ އެންގުންތަކަށް ދެކޮޅު ހައްދަވައި ޓްރަމްޕަށް ފާޑުވެސްވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)