04 Jun 2020, 13:38
ކިންގްސްޓަން (ޖޫން 4): ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ފަތުރުވެރިކަމުގެ ދާއިރާ ބައެއް ކެރިބިއަން ރަށްތަކުން އަލުން ހުޅުވާލަން ފަށައިފި އެވެ.
ކެރިބިއަން ރަށްތަކުގެ ތެރެއިން މި ހަފްތާ ތެރޭ އެންޓިގުއާ އެންޑް ބާބިއުޑާ އާއި ޔޫއެސް ވާޖިން އައިލެންޑްސް އާއި ސެއިންޓް ލޫޝިއާ ވަނީ ހުޅުވާލާފަ އެވެ. އަދި މި މަހުގެ ފަހުކޮޅު ޖަމައިކާ އާއި އަރޫބާއިން ބައިނަލްއަގުވާމީ ދަތުރުތައް ފަށާ އިރު ބަހާމާސް އައި ޑޮމިނިކަން ރިޕަބްލިކުން ވަނީ އަންނަ މަހު ފަތުރުވެރިކަން ފަށަން ނިންމާފަ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުން މިހާރު ފަތުރުވެރިކަން ފަށާއިރު ވައިރަހުގެ ކޭސްތައް ގިނަ ގައުމުތަކަށް ބޯޑަރު ހުޅުވާ ނުލަން ރާވާފައި އޮތް ނަމަވެސް ކެރިބިއަންއަށް އެންމެ ފުރަތަމަ ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ އެމެރިކާއިންނެވެ. އެގައުމަކީ މިހާރު ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ.
ކެރިބިއަންގެ ފަތުރުވެރިކަމާ ބެހޭ އޮފިޝަލުން ވަނީ އެސަރަހައްދަށް މިދިޔަ އަހަރު ދިޔަ 31.5 މިލިއަން ފަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ އެމެރިކާ މީހުން ކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން އެމެރިކާގެ ފަތުރުވެރިންނަށް ޖާގަ ދިނުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ބުނެފަ އެވެ.
ކެރިބިއަން ރަށްތައް ފަތުރުވެރިކަމަށް ހުޅުވާލާއިރު އެސަރަހައްދުގެ ޕަބްލިކް ހެލްތު އޭޖެންސީން ވަނީ ޗުއްޓީއަށް ދާ މީހުން ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށް ލަފާ ދީފަ އެވެ. ނަމަވެސް ގިނަ އަދަދަކަށް ޓެސްޓުތައް ހޯދުމާއި އޭގެ ހަރަދުތަކުގެ ސަބަބުން އެކި ގައުމުތައް ވަނީ ޓެސްޓު ހެދުމާ ބެހޭ ގޮތުން ހިޔާލު ތަފާތުވެފަ އެވެ.
އޭގެ ތެރެއިން އެންޓިގުއާ އެންޑް ބާބިއުޑާއިން ވަނީ އެގައުމަށް ދާ މީހުންގެ ރެޕިޑް ކޮރޯނާވައިރަސް ޓެސްޓު ހަދާނެ ކަމަށް ބުނެފަ އެވެ. އަދި ސެއިންޓް ލޫޝިއާއިން ވަނީ އެގައުމަށް ފުރުމުގެ ކުރިން ކޮރޯނާވައިރަސް ޓެސްޓު ހަދާ، ނެގެޓިވްވެފައިވާ ކަން ސާބިތުކޮށްދޭ ލިޔުމެއް އޮންނަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އެހެން ގައުމުތަކުން ވަނީ އެގައުމުތަކަށް ދާ މީހުންގެ ހުން ހުރިތޯ ބަލާ، މާސްކު އަޅައިގެން ތިބުމަށް ހިތްވަރު ދޭނެ ކަމަށް ބުނެފަ އެވެ.
ކެރިބިއަން ގައުމުތަކުން ވަނީ ދުނިޔޭގައި ވައިރަސް ފެތުރެން ފެށުމުން ދުރާލާ ބޯޑަރުތައް ބަންދުކޮށްފަ އެވެ. އަދި އެސަރަހައްދުގެ ގިނަ ގައުމުތަކުން ފެނިފައި ވަނީ ވައިރަހުގެ މަދު ކޭސްތަކެވެ. އެގޮތުން އެންޓިގުއާ އެންޑް ބާބިއުޑާ އިން 26 މީހަކަށް ބަލި ޖެހި، 20 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު ސެއިންޓް ލޫޝިއާއިން ބަލި ޖެހުނު 18 މީހުންގެ ބަލި ވަނީ މިހާރު ރަނގަޅުވެފަ އެވެ.