28 Dec 2011, 16:58
ރެއާލް މެޑްރިޑްގެ ބްރެޒިލް ޕްލޭމޭކާ ކަކާ އެކުލަބުން 22 މިލިޔަން ޕައުންޑަށް ވިއްކާލަން އުޅޭ ކަމުގެ ރިޕޯޓްތަކެއް އާންމު ވެއްޖެ އެވެ.
އޭސީ މިލާންގެ ކާމިޔާބީ ދުވަސްތަކެއް ހޭދަކުރުމަށް ފަހު، 2009 ވަނަ އަހަރު 55 މިލިޔަން ޕައުންޑްގެ އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވި ކުޅުންތެރިޔާ އަށް މޮޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވެ އެވެ. އެންމެ ބޮޑު އުނދަގުލަކަށް ކަކާ އަށް ކުރިމަތިވީ އަނިޔާގެ މައްސަލަތަކެވެ.
"ގިނަ ކުލަބުތަކަކުން ވެސް ކަކާ ހޯދުމަށް މަސައްކަތް ކުރަމުންދޭ. މެދުތެރޭގައި މޮޅެތި އެތައް ކުޅުންތެރިންތަކެއް ހުރުމުގެ ސަބަބުން ކަކާ ވިއްކާލުމަށް މޮރީނިއޯ ވަނީ ނިންމާފައި. ވިއްކާލާނެ ވަކި އަގެއް ނޭނގުނަސް 22 މިލިޔަން ޕައުންޑް ރެއާލް އިން ގަބޫލުކުރާނެ ކަމަށް ބެލެވޭ." ރެއާލްގެ އިތުބާރުކުރެވޭ މީހެއް 'ދަ ޑެއިލީ މެއިލް' އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ޗެލްސީ އާއި، ޕީއެސްޖީ އަދި ކަކާގެ ކުރީގެ ކުލަބު އޭސީ މިލާނުން ވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދެއެވެ. އެހެން ކަމުން ޖެނުއަރީ ޓްރާންސްފާގައި ގިނަ ކުލަބުތަކަކުން ކަކާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ.