19:00


ތ. ކިނބިނދޫގައި އެއް އަހަރުނުވާ ތުއްތު ދަރިފުޅު މަރާލި މައްސަލައާ ގުޅިގެން އިންޑިއާ އަންހެން މީހާ ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 26 އަހަރުގެ އެ އަންހެން މީހާ މިއަދު ހައްޔަރުކުރީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުން ކަމަށެވެ.


ކިނބިދޫ މީހަކު އިއްޔެ ބުނީ އެ ކުއްޖާ މަރުވިކަން މީހުންނަށް އެނގުނީ، އޭނާ އަމިއްލަ އަށް ބެޑްޝީޓެއް ބޭނުންކޮށްގެން ދަންޖެހެން އުޅެނިކޮށް ބެޑްޝީޓް ކަނޑައިގެން ގޮސް ވެއްޓުނު އަޑުފަށްގަނޑަށް މީހުން ގޮސް، އެ ރަށު ހޮސްޕިޓަލުގައި މަސައްކަތްކުރާ ދެ ނަރުހަކަށް ގުޅުމުން ކަމަށެވެ. އަދި އެކުއްޖާ މަރުވެފައި އޮތްއިރު ކަރުން ކޮންމެވެސް ވަރަކަށް ޒަޚަމްތަކެއް ފެންނަން ހުރި ކަމަށް ވެސް ކިނބިދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެކުއްޖާ މަރުވެފައި ވަނީ ދެ ފަހަރުމަތިން އެކުއްޖާގެ މޫނު މަތީގައި ބާލިސް އަޅައިގެން ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި ދަރިފުޅާ އެކު އިންޑިޔާ އަށް އުފަން އެ ކުއްޖާގެ މަންމަ އިއްޔެ ހޮސްޕިޓަލަށް ގެންދިޔައިރު ވަރަށް ބައިވަރު ބޭސް ތަކެއް ކާލަފައިވާ ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.


އެ ރަށު ކޯޓުގައި މަސައްކަތްކުރާ ކޮންމެވެސް ވަރަކަށް ފައިގެ މައްސަލައަކާ ހެދި ނުކުޅެދުންތެރިކަން ހުރި ފިރިހެނަކާ މީގެ ދެ އަހަރު ކުރިން އިނދެގެން އުޅޭ އިންޑިއާގެ އެ އަންހެން މީހާ އާ ދެ މީހުން މީގެ ދެ ދުވަސް ކުރިން ވަރަށް ގަދަޔަށް ޒުވާބުކޮށްފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އެކުއްޖާގެ މަންމަ ދަރިފުޅަށް ވަރަށް އިހާނެތިކޮށް ކަންތައް ކުރާ ކަމަށާއި އަނގަފުރާ ކާއެއްޗެހި އަޅައި، ގަންނަވާ ހަދާ ކަމަށާއި ދަރިފުޅު ބޮލަށް ކާއެއްޗެހި އަޅާ ހަދާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.


އެ ކުއްޖާ ވަޅުލާފައިވަނީ ރޭގެ މަޣްރިބް ނަމާދަށް ފަހުގަ އެވެ.