ތިރީސް އެއް ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު ދެ ވަނަ ބުރުގެ ފަހު މެޗުގައި ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން ފަސޭހަކަމާ އެކު މޮޅުވެ، ހުރިހާ މެޗަކުން މޮޅުވި ޓީމުގެ ޝަރަފާ އެކު ފައިނަލަށް ދަތުރު ކޮށްފި އެވެ.
ވިކްޓަރީ އަށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވީ ދެ ވަނަ ޓީމުގެ ގޮތުގައެވެ.

ދެވަނަ ބުރުގެ ފަހު މެޗަށް ދެޓީމުން ނުކުތް އިރު ވެސް ކަސްޓަމް އަށާއި ވިކްޓަރީ ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ޑީ ބާސްކެޓްބޯލް ކުޅުނު ހުރިހާ މެޗަކުން ބަލިވުމުގެ ސަބަބުން ވަނީ މުބާރާތުން ކަޓާފަ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މިމެޗް ކަސްޓަމްސް އިން ކާމިޔާބު ކުރީ 72 ޕޮއިންޓް 30 ޕޮއިންޓުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކަސްޓަމްސް އަށް 26 ޕޮއިންޓް ހޯދައިދިން އައިމިނަތު ޝިއުރާ އެވެ.

ޖުމްލަ ތިން ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ދަނީ ދެ ބުރަކަށް ބަހައިލައިގެންނެވެ. މި މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ދެބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓިމެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހު އެވެ.

މިމުބާރާތުގެ ފައިނަލް މެޗުގައި މިމަހު 31 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ބައްދަލުކުރާ ދެޓީމަކީ ކަސްޓަމްސް އާއި ވިކްޓަރީ އެވެ.