04 Jun 2020, 08:51
ކޮވިޑް-19 އާ ގުޅިގެން ވީޑިއޯ ކޯލް އާއި ކޮންފަރެންސްތަކަށް އޮތް ޑިމާންޑު އިތުރުވުމާ ގުޅިގެން ވީޑިއޯ ކޮންފަރެންސިން ޕްލެޓްފޯމް "ޒޫމް"ގެ އާމްދަނީ 169 ޕަސެންޓް އިތުރުވެއްޖެ އެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިޖުތިމާއީ ގައިދުުރުކަމަށް ބާރުއަޅައި ފުރަބަންދުގައި ގޭގައި މަޑުކުރަން ޖެހުމުން އޮފީސް މީޓިންތަކާއި ބައްދަލުވުމުގެ އިތުރުން އެހެން ބައްދަލުވުންތައްވެސް ވަނީ އޮންލައިންކުރަން ޖެހިފައެވެ. އެއާއެކު ވީޑިއޯ ކޯލިން އެޕްތަކަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑުވެފަ އެވެ.
ޒޫމް އިން ދާދި ފަހުން ބުނެފައިވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީ ވަނީ 169 ޕަސެންޓު އިތުރުވެފައި ކަމަށެވެ. އެގޮތުން އެކުންފުންޏަށް މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި 328 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައި ކަމަށް އެކުންފުނިން ބުނެ އެވެ.
އެގޮތުން އެކުންފުނީގެ ކަސްޓަމަރުންގެ އަދަދުވެސް ވަނީ އެތައް ގުނައެއް އިތުރުވެފައި ކަމަށް އެކުންފުނިން ބުނެ އެވެ. ޒޫމް އިން ބުނިގޮތުގައި 10 މުވައްޒަފުންނަށްވުރެ ގިނައިން ހިމެނޭ 265،400 އަށްވުރެ ގިނަ ކުންފުނި ވަނީ މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި މުޅިން އަލަށް އެ ޕްލެޓްފޯމާ ގުޅިފަ އެވެ. އެއީ މިދިޔަ އަހަރުގެ އަދަދަށްވުރެ 354 ޕަސެންޓު އިތުރު އަދަދެކެވެ.
މިދުވަސްވަރު އެންމެ ގިނަ ބަޔަކު އޮފީސް ބައްދަލުވުންތަކާއި އޮންލައިން ކްލާސްތަކަށް ބޭނުންކުރާ އެއް ޕްލެޓްފޯމް އަކީ ޒޫމް އެވެ. އޭގެއިތުރުން އޮންލައިން ޕާޓީތަކާއި ކައިވެނިތަކުގައިވެސް އެންމެ މަގުބޫލު އެއް ޕްލެޓްފޯމަކީ ޒޫމް އެވެ. ޒޫމްގެ އިތުރުން ގޫގަލްގެ "މީޓް" އަށްވެސް އަންނަނީ މިދުވަސްކޮޅު ބޮޑު މަގުބޫލުކަމެއް ލިބެމުންނެެވެ.