04 Jun 2020, 10:14
ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން މިހާރު އެމެރިކާގައި ކުރިއަށްދާ މުޒާހަރާތައް ބޮޑެތި ހަމަނުޖެހުން ތަކަކަށް ބަދަލުވުމުން، ބިރުން ވައިޓްހައުސްގެ ބަންކަރަށް ވަޑައިގެންނެވި ކަމަށް ބުނާ ވާހަކަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ފޮކްސް ނިއުސްގެ ރޭޑިއޯއަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ބަންކަރަށް ވަޑައިގެންނެވީ އެތަން ބަލާލުމަށް ކުޑަކުޑައިރުކޮޅަކަށް ކަމަށެވެ.
ފްލައިޑްގެ މަރާ ގުޅިގެން ރައީސް ދިރިއުޅުއްވާ ވައިޓް ހައުސް ކައިރީގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ބާއްވައިފަ އެވެ.
އެމެރިކާގައި މުޒާހަރާތައް ހޫނުވެ ލޫޓުވުމާއި ތަންތަނަށް ގެއްލުން ދިނުން އިތުރުވެފައިވާއިރު ގައުމު ހަމައަކަށް އަޅުވަން ސިފައިން ނެރެން ޖެހިދާނެކަމުގެ އިންޒާރުވެސް ޓްރަަމްޕް ވަނީ ދެއްވައިފަ އެވެ. ނަމަވެސް އެމެރިކާގެ ޑިފެންސް ސެކެޓްރީ ވިދާޅުވީ "އެކްޓިވް ޑިއުޓީ އޮފިސަރުން" އެކަމަށް ނެރުމުގެ ވިސްނުމެއް ނެތް ކަމަށެވެެ.
މުޒާހަރާތަކުގައި ގެއްލުން ދީފައިވާ ޗާޗެއްގެ ކުރިމަތީގައި" ބައިބަލް" އެއް ހިފައިގެން ހުންނެވުމުން ޓްރަމްޕްއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެސްވެފަ އެެވެ.
ޓްރަމްޕް ވިދާޅުވީ ފްލޮއިޑް މަރާލި ހާދިސާއަކީ ވަރަށް ދަށު ދަރަޖައިގެ އަނިޔާވެރި އަމަލެއް ކަމަށާއި އެކަން މުޅި އެމެރިކާގެ އެންމެންވެސް ގަބޫލުކުރާ ކަމަށެެވެ. ނަަމަވެސް މިއީ އުތުރި އަރާފައިތިބި މީހުން ނުކުމެ ގައުމަށް ގެއްލުންދޭންވީ ވަގުތު ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެ މުޒާހަރާތަކުގައި އިސްކޮށް އުޅެނީ އެންޓިފާ ޖަމިއްޔާއިން ކަމަށް ޓްރަމްޕް ތުހުމަތުކުރައްވައެވެެ. އެންޓިފާއަކީ "ފޭޝިޒަމް" އާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ޓެރެރިސްޓް ޖަމިއްޔާއެއްކަމަށް ކަނޑައަޅުއްވާނެކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެެ.
ފްލޮއިޑް މަރުވީ އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އެތައް އިރެއް ވަންދެއް ޖޯޖްގެ ކަރަށް ފައިން އަރައިގެން ހުރުމުން ނޭވާ ހާސްވެގެންނެވެެ.