ރިސޯޓު މުވައްޒަފުން ވަޒީފާ އަދާކުރަން ސީދާ ރިސޯޓަށް ދެވޭނެ ގޮތް ހަމަޖައްސައިދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓުތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް ސީދާ ރިސޯޓުތަކަށް ދެވޭނެ ގޮތް އެޗްޕީއޭއިން ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑް19އާ ގުޅިގެން މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށާއި މޮނިޓަރިން ހާލަތު ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް ރިސޯޓުތަކަށް ދާން އެއްވެސް ހުރަހެއް ނެތް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މޮނީޓަރިން ހާލަތުގައި ހުރި ރަށްރަށާއި އެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުން އެ ރިސޯޓެއްގައި 14 ދުވަހަށް ކަރަންޓީނު ވުމަށްފަހު ވަޒީފާއަށް ނިކުމެވޭނެ ކަމަށް ވެސް އެޗްޕީއޭގެ ނިންމުމާ ހަވާލާދީ ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

މިގޮތަށް ރަށްރަށުން ރިސޯޓުތަކަށް ދާ މުވައްޒަފުންގެ މައުލޫމާތު އެޗްޕީއޭއަށް އަންގަން ޖެހޭނެ ކަމަށް އެ އެޖެންސީން ވަނީ ނިންމާފަ އެވެ.

އެހެންކަމުން މިގޮތަށް ދާ މުވައްޒަފުންގެ މައުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7223131 ނުވަތަ[email protected]އަށް އީމެއިލް ކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން އިރުޝާދުދެ އެވެ.