28 Dec 2011, 16:29
މަގާމުގެ ނުފޫޒު ބޭނުން ކުރެއްވި ކަމުގެ ދައުވާ މ. އަތޮޅުގެ ކުރީގެ ކައުންސިލަރުގެ މައްޗަށް ކޮށްދިނުމަށް އެދި އޭސީސީން، ޕީޖީއަށް ފޮނުވައި ފިއެވެ.
މ. އަތޮޅުގެ ކުރީގެ ކައުންސިލަރު މުލަކު، ރޯޝަނީގޭ މުހައްމަދު އާދިލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ވޭވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ކުރި އިއުލާނާއި ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ މަދުން ޕޮއިންޓު ލިބުނު ފަރާތަށް މަސައްކަތް ހަވާލު ކުރިކަން އޭސީސީގެ ތަހުގީގަށް އެނގިގެނެވެ.
އޭސީސީން ބުނީ ވޭވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ހަވާލުކުރި ފަރާތަށް މަސައްކަތް ދޭން ނިންމާ ފައި ވަނީ މ. އަތޮޅު އޮފީހުން ކަމަށް އާދިލް ވިދާޅުވެފައިވާ ކަމަށާއި އެކަމުގައި އާދިލު އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ނެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ބުނެފައި ވަނީ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާ ކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ހޯދައިދިނުމަކީ، ކުށެއްކަމަށެވެ.
އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އެ މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، ގިނަ ވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން ކަމަށެވެ.