28 Dec 2011, 16:14
ހަރުކަށި އަދަބުތަކާއެކު މަސްތުވާތަކެއްޗާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ހުށަހެޅުއްވި ބައެއް އިސްލާހްތަކާއެކު ބިލު ފާސްކޮށްފައިވަނީ ހާޒިރުވެ ވަޑައިގެން ތިއްބެވި 72 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލުގައި ކަނޑައަޅާފައިވާ އަދަބު ތަކުގެ ތެރޭގައި، ބިލުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކުރީ ގާނޫނީ ޝަހްސެއް ނަމަ ނުވަތަ ކުށް ކުރީ އެ ގާނޫނީ ޝަހްސުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއް ނުވަތަ ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހެއްގެ ރުހުމާއެކު ނުވަތަ އެއިން މީހަކަށް އެނގިހުރެ ކަމުގައިވާނަމަ އެކަމެއް ކުރި މީހާ، އެއް މިލިއަން ރުފިޔާ އާއި ސަތޭކަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެ އެވެ.
އަދި މަސްތުވާތަކެތި ރާއްޖޭން ބޭރުކުރުމާއި އެތެރެކުރުމުގެ އިތުރުން މަސްތުވާތަކެތި، އުފެއްދުމުގެ ކުށުގެ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލުމާއި 100،000 ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކް ކުރުމަށް ހިތްވަރު ދޭ މީހުންނާއި މަސްތުވާތަކެތި ވިއްކައި އެތަކެތި ގަންނަ މީހުންގެ އަދަބަކީ، ތިން އަހަރަށް ޖަލަށްލުމަށާއި 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ވެސް އެ ބިލުގައި ހިމަނާފައިވާ އަދަބު ތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ ބިލުގައި މަސްތުވާތަކެތީގެ މައްސަލަތައް ބެލުމަށް ހާއްސަ ކޯޓެއް އުފެއްދުމަށާއި ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލެއް އުފެއްދުމަށް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ބިލު ތަސްދީގު ކުރާތާ 18 މަސްދުވަހުގެ ތެރޭގައި، މަސްތުވާ ތަކެތީގެ މީހުންނަށް ފަރުވާ ދޭނެ ހަ މަރުކަޒެއް ގާއިމް ކުރަންޖެހޭނެ ކަމަށް ވެސް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ޑިޓޮކްސިފިކޭޝަން ސެންޓަރަކާއި ޑްރަގް ޓްރީޓްމަންޓް އެންޑް ރީހިބިލިޓޭޝަން ސެންޓަރަކާއި ކުޑަކުދިންނަށް ހާއްސަ ޑްރާގް ޓްރީޓްމަންޓް ސެންޓަރަކާއި އަންހެނުންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް ސެންޓަރަކާއި ހާފްވޭ ހައުސް އަކާއި ޑްރަޑް އޮފެންޑާ ރިމާންޑް ސެންޓަރެއް ހިމެނެ އެވެ.