03 Jun 2020, 17:27
ރުޤުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުން ދެމުންދިޔަކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރުބަޔަކު ވެފައިވޭތޯ ބެލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ރުޤުޔާކުރުމުގެ ނަމުގައި މީހުންނަށް އެކިކަހަލަ ގެއްލުންދޭ ކަމަށް ތުހުމަތު ކުރެވިފައި ވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުހައްމަދު ނަސްރުﷲ (55އ) އަށެވެ.
ފުލުހުން މިހާރު ވަނީ އޭނާގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ. ފުލުހުން ބުނީ ނަސްރުﷲގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އޭނާއަކީ ރުޤުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުން ދެމުން ދިޔަ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކެވެ.
އަދި ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ނަޞްރުﷲގެ ފުށުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވެފައިވާ އިތުރު ބަޔަކު ވެދާކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އޭނާގެ ފުށުން އެފަދަ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.