03 Jun 2020, 15:27
ވޭތުވެ ދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް ޒަކާތު ފައިސާ ބެހި މައްސަލާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އެ ސިޓީއާ ގުޅިގެން މިއަދު ވަނީ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ނިމިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް މިއަހަރު ޒަކާތު ފައިސާ ބެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
ފިތުރު ޒަކާތް އޭގެ ހައްގުވެރިންނަށް އިންސާފުވެރި ކަމާއެކު ބެހުމަކީ އިސްލާމް ދީނުގައި ދީނުގައި ބާރުއަޅާފައިވީ ކަމަށްކަށް ވީ ނަމަވެސް އިސްލާމިކް މިނިސްޓްރީއިން މިއަހަރު އަމަލުކޮށްފައިވަނީ ޒަކާތު ފައިސާގެ ހައްގުވެރިންގެ ހައްގަށް އުނިކަން އަންނާނެ ގޮތަކަށް ކަމަށް ސިޓީގައި ވިދާޅުވެފައި ވެ އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ކައުންސިލުތަކަށް ވަނީ ސާކިއުލާއެއް މެދުވެރިކޮށް. 1440 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ 1439 ވަނަ އަހަރުގެ ލިސްޓަށެވެ. ވީމާ މިމައްސަލަ އިސްކަމެއް ދީގެން ބައްލައިދެއްވުން އެދެން." ޝިޔާން ކޮމިޓީއަށް ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ.
އެސިޓީއާ ގުޅިގެން ކޮމިޓީގައި ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ކޮވިޑްގެ މިހާލަތާއި ގުޅިގެން ފަގީރުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުން ޒަކާތް ހައްގުވާ ފަރާތްތަކަށް މިޙާރު ވާނީ ބޮޑެތި ބަދަލުތަކެއް އައިއްސަ. 2019 އިގެ ލިސްޓާ ވަރަށް ތަފާތު ވާނެ. ޕަވަޓީ ލައިނަށްވުރެ ދަށްށް ވެއްޓިފައިވާ ފަރާތްތައް ބަނގުރޫޓު ވެފައިވާ ފަރާތްތައް. ދިރިއުޅުމުގެ ހާލަތަށް އައި ބަދަލުގެ ސަބަބުން ފަގީރު ކަމުގެ ހާލަތަށް އައި ފަރާތްތައް ވަރަށް ގިނަ ވާނެ." ޖީހާން ވިދާޅުވި އެވެ.
ޖީހާން ހުށަހެޅުއްވީ އިސްލާމިކް މިނިސްޓްރީއިން ލިޔުމުން ޒަކާތު ފައިސާ ބެހި ގޮތުގެ މައުލޫމާތު ސާފު ކުރުމަށެވެ. އަދި 2019 ވަނަ އަހަރުގެ ލިސްޓަށް މިއަަހރު ފިތުރު ޒަކާތް ބަހަން ނިންމީ ކީއްވެތޯ ސާފު ކުރަންވެސް ޖީހާން އެދިލެއްވި އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 6.6 މިލިއަން ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީންއިން ވަނީ ބުނެފަ އެވެ. މިހާރު ވަނީ ޒަކާތު ފައިސާ ބަހާ ނިންމާފަ އެވެ. މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާއިން ބޮލަކަށް ޖެހެނީ 3800ރ. އެވެ.
މިދިއަ އަހަރު މާލެއިން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 1715 މީހުންނެވެ. އޭގެ ތެރެއިން ފައިސާ ހަވާލުކޮށްފައިވަނީ 1697 މީހުންނާ އެވެ.