28 Dec 2011, 16:05
އިޒްރޭލްގެ ފްލައިޓެއް ޖައްސަން ކަނޑައެޅިފައިވާ ތާރީހުގައި ވެސް އަދި ފަހުން ވެސް ރާއްޖެއަށް އިޒްރޭލްގެ ފްލައިޓެއް ޖައްސަން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ނުފެންނަ ކަމަށް ކަނޑައަޅައި އެކަން ހުއްޓުވައި ދިނުމަށް ގަރާރެސް ފާސް ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވާ ގޮތަށް ކޮމެޓީން މިއަދު ނިންމައިފި އެވެ.
މި ގޮތަށް ފާސް ކުރީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެ ގޮތަށް ހުށަހެޅުއްވުމުން ކޮމެޓީގެ މެންބަރުން ބަހުސް ކުރެއްވުމަށް ފަހު އިއްތިފާގުން ފާސްކޮށްގެނެވެ.
ނާޒިމް ހުށަހަޅުއްވާފައި ވަނީ އިޒްރޭލްގެ ފްލައިޓް ޖެއްސުމުގެ މައްސަލައާއި ރާއްޖޭގައި އިޒްރޭލުން ދަނޑުވެރިކަން ކުރުމަށް ބިންދިނުމަށާއި ޅ. ދިއްފުށި މާދޫގައި އިޒްރޭލްގެ މިލިޓަރީ ޕޯސްޓެއް އަޅާ ކަމަށް ތުހުމަތުކޮށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން ކޮމެޓީއަށް ހުށަހެޅި މައްސަލަ ދިރާސާ ކޮށް ނިމެންދެން އިޒްރޭލްގެ މަތިންދާ ބޯޓެއް ޖެއްސުން ކަނޑަޅާފައިވާ ތާރީހުގައި ވެސް އަދި ފަހުން ވެސް އެ ފްލައިޓް ޖެއްސުމަށް ގައުމީ ސަލާމާތާ ބެހޭ ކޮމެޓީއަށް ނުފެންނަ ކަމަށެވެ. މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެކަމަށް މަޖިލީހުގެ ތަޅުމުން ގަރާރެއް ފާސްކޮށް ދިނުމަށެވެ.
މީގެ އިތުރުން ހުރިހާ މެންބަރުން ވެސް ވިދާޅުވީ މި މައްސަލައިގައި ކޮމެޓީން ގޮތެއް ނުނިންމައި މަޖިލިސް ރިސެސް އަށް ދިއުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި މީގެ ކުރިން ގުއަންޓަނާމޯބޭ ޖަލުން ގައިދީން ގެނައުމުގެ މައްސަލައިގައި ވެސް ކޮމެޓީން ގޮތެއް ނިންމާފައިވާއިރު މި ފަދަ ހައްސާސީ މައްސަލައެއްގައި ކޮމެޓީން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
"މިއީ ވަރަށް ހައްސާސީ މައްސަލައެއް، ރައްޔިތުންނެއް ނުރުހޭ އިޒްރޭލްގެ ބޯޓެއް ޖައްސާކަށް، މިކަމުގައި މިހާރު އަޅުގަނޑަށް ވެސް އޮޅިއްޖެ އެއީ މިނިސްޓަރު [އާދިލް ސަލީމް] ކޮމެޓީގައި ވިދާޅުވި ވާހަކަތަކާއި އެހެން ތަންތާނގައި ދައްކާ ވާހަކަތައް ތަފާތު. އެހެންވީމާ ރައްޔިތުން ނުރުހޭ ކަމެއްގައި އަޅުގަނޑުމެންގެ ބޮލަށް ޒިންމާ އަޅުވާފައި [މަޖިލިސް] ޗުއްޓީއަށް ދިއުމަކީ ޒިންމާދާރު ގޮތެއް ނޫން، މި ކޮމެޓީން ޖެހޭނެ މިކަމަށް ގޮތެއް ނިންމަން،" ނާޒިމް ވިދާޅުވި އެވެ. "އަދި އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ކޮމެޓީގައި އެދިވަޑައިގެންފައި ވަނީ އިޒްރޭލާ ގުޅުން ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް، މަޖިލީހުން އެކަމަށް ގޮތެއް ނިންމައި ދިނުމަށް،"
ނާޒިމްގެ ހުށަހެޅުއްވުމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާސިޒް ތާއީދު ކުރެއްވުމާއެކު ކޮމެޓީގެ އެހެން މެންބަރުން ވެސް ވަނީ ތާއީދު ކުރައްވާފަ އެވެ. ނަމަވެސް ކޮމެޓީގެ ރައުންޑް އަޕް ބަހުސް ދިގުލައިގެން ދިޔައީ އެހިސާބުން އަދާލަތު ޕާޓީގެ ނައިބު ރައީސް ކުރައްވާފައިވާ ތުހުމަތުތަކުގެ މައްސަލަ ކްލޯސްވީތޯ ސުވާލު ކުރައްވަމުންނެވެ.
ނަމަވެސް ކޮމެޓީން ނިންމެވީ އެ މައްސަލަ ކްލޯސް ނުކޮށް ދިރާސާ ކުރެއްވުމަށެވެ. އަދި މައްސަލައިގައި ކޮމެޓީން މިއަދު ނިންމި ގޮތް މަޖިލީހަށް ފޮނުވާއިރު ރިޕޯޓްގައި މައްސަލައާ ގުޅިގެން ވަޒީރުންނާއި ހާޒިރު ކުރެވުނު އެހެން ފަރާތްތައް ދެއްކެވި ވާހަކަތައް ހިމެނުމަށެވެ.
މި މައްސަލަ ނިންމަވަމުން ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ގަރާރު ފާސް ކުރުމަށް ތަޅުމަށް ފޮނުވުމުގެ ކުރިން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާފުޅެއް ހޯއްދަވާނެ ކަމަށެވެ.