03 Jun 2020, 14:14
އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޛް އަބްދުﷲ ރާބިއު މިއަދު އައްޔަންކޮށްފިއެވެ.
ރާބިއު މިހާތަނަށް ހުންނެވީ ޕީޖީ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމުގައެވެ.
ރާބިއު ގާނޫނީ ދާއިރާއިން ހިދުމަށްކޮށްދެއްވަން ފެއްޓެވީ 2009 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހު، ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުންނެވެ.
އެދުވަހަށް ފަހު މެދުކެނޑުމެއްނެތި ޕީޖީ އޮފީހުގައި ހިދުމަތްކޮށްދެއްވަމުން އައިސްފައިިވާއިރު، ރާބިއުއަކީ މިވަގުތު ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ތެރެއިން ދާއިރާގެ އެންމެ ގިނަ ތަޖުރިބާ ހުރި އެއް ގާނޫނީ ވަކީލު ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ރާބިއު ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވަނީ، މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން، ޝަރީއަތާއި ގާނޫނުގެ ދާއިރާއިންނެވެ. އަދި އޭގެ ފަހުން ވިލާ ކޮލެޖުން ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވެ އެވެ.
އަދި ގާނޫނީ ދާއިރާއިން ގިނަ އަދަދެއްގެ ސެމިނާތަކާއި، ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ފޮރެންސިކް ސައިންސްގެ ދާއިރާއާއި، ޖިންސީ ގޯނާގެ މައްސަލަތައް ތަހްގީގުކުރުމާބެހޭ ދާއިރާއާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގާނޫނާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިމެނެއެވެ.
އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލުންގެ ގޮތުގައި ރާބިއުގެ އިތުރުން މިހާރު ތިއްބެވީ ހުސެއިން ނާޝިދާއި، ޖިހާދާ އަނީސް އާއި ޝަމްރާ ޝަމީމްއެވެ.