މަދަނީ ޖަމިއްޔާތަކުގެ ބިލް ޑްރާފްޓްކުމަށް ފަހު އެ ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ޑްރާފްކޮށްފައިވާ ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން ޖެނުއަރީ 10 ވަނަ ދުވަހާ ހަމައަށެވެ. އަދި އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ވެސް އިސްލާހު ހުށަހެޅޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

އެ މިނސްޓްރީން މިއަދު ބުނީ ޖަމިއްޔާތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށާފައި ވަނީ ޔޫއެންޑީޕީގެ ހިލޭ އެހީ އާއި އެކު ހިންގާ "ސްޓްރެންތަނިންގް އެންޑް އެން ހޭންސިން ސިވިކް އެންގޭޖްމެންޓް އިން މޯލްޑިވްސް" ޕޮރޮޖެކްޓްގެ ދަށުން ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ ޖަމިއްޔާތަކާ ބެހޭ ގާނުނު އިސްލާހުކުރުމުގެ މަސައްކަތް ރާއްޖެ ޗެމްބާސް އާއި މިދިޔަ އޮކްޓޫބަރު މަހު ތެރޭގައި ހަވާލުކޮށްފައިވާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ބިލް ޑްރާފްޓް ކުރުމުގެ ކުރިން ރާއްޖޭގައި ހިންގާ ބައެއް ޖަމިއްޔާތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިތުރުން މިދިޔަ އަހަރު ބޭއްވި ޖަމިއްޔާތަކުގެ ގައުމީ ފޯރަމްގައި ހުށަހެޅި ހިޔާލުތަކާއި ޖަމިއްޔާތަކުގެ ހާލަތު ދެނެގަތުމަށް މި އަހަރު ކުރި ދިރާސާގެ އިތުރުން ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ގާނޫނު ފަރުމާ ކޮށްފައިވާ ގޮތުގެ މައްޗަށް ރިއާޔަތް ކޮށްފައިވާނެ ކަމަށެވެ.