03 Jun 2020, 11:51
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާ ކޮމިޓީއިން ފާސްކޮށްފި އެވެ.
ރޭ ބޭއްވި މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުމުގައި އާމިރާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އޭނާގެ ނަން މަޖިލީހުގެ ތަޅުމުގައި އިއްވައި ދެއްވުމަށް އެދި ކޮމިޓީއަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ.
އާމިރާ ވަކިކުރުމުގެ މައްސަލަ ފެށުމަށް މަޖިލީހުގެ ތަޅުމުގައި އެކަން އިއްވައި ދެއްވުމަށް އެދި ފޮނުވަން ހުށަހަޅުއްވަމުން ޝަފީގު ވިދާޅުވީ މި ސާރުކާރުން ސިވިލް ސާވިސްއަށް ލާފަހުރި މީހެއް ވެގެން ނުވަތަ މިދިއަ އަހަރު ޑިސެމްބަރުގައި މަގާމަށް ލާފައި ހުރި މީހެއްވެގެން ވަކި ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައި ނުވާ ކަމަށެވެ.
"މިސަރުކާރަށް ވެއްޖެ ދޮޅު އަހަރު. ވީއިރުގައި މި ސަރުކާރުގެ ވަޒީރުން މި ބުނަނީ ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން އެއްބާރުލުމެއް ނުލިބެއޭ. ސިވިލް ސާވިސް ކޮމިޝަނަށް އާމިރާ އައްޔަން ކޮށްފައި މިއިނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު. މި ސަރުކާރު ވެރިކަމާއި ހަވާލުވީ 2018 އިގެ ނޮވެމްބަރު 17 ގައި. އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ މީގައި ވަކި މެމްބަރެއް އިސްތިސްނާ ކުރަން ޖެހޭ ސަބަބެއް." ޝަފީގު ވިދާޅުވި އެވެ.
އޭގެ އިިތުރުން އާމިރާ ވަނީ މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދީފައިކަން ޝަފީގު ފާހަގަ ކުރެއްވި އެވެ. އެކަން ޔައުމިއްޔާއިން ވެސް އެނގެން އޮންނާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ. އެހެންވީމާ އާމިރާ ހިމެނޭ ގޮތަށް ސީއެސްސީގެ ފަސް މެމްބަރުން އެއްކޮށް ވަަކިކުރަން ޝަފީގު ވަނީ ހުށަހަޅުއްވާފަ އެވެ.
މީގެ ކުރިން ކޮމިޓީއިން ނިންމާފައި ވަނީ އާމިރާ ނުހިމެނޭގޮތަށް ސީއެސްސީގެ ދެން ތިބި ހަތަރު މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. އެގޮތުން އެ ހަތަރު މެމްބަރުން ވަކިކުރަން ނިންމައި ތަޅުމަށް ފޮނުވި ނަމަވެސް އެމައްސަލަ އަނބުރާ ފޮނުވާލީ ބައެއް ކަންކަން ފުރިހަމަ ކުރާށެވެ.
އާމިރާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ކޮމިޓީގެ ހަ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ.
އާމިރާ ހިމެނޭ ގޮތަށް ފަސް މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވީހާވެސް އަވަހަށް ނިންމަން ކޮމިޓީއިން ވަނީ ނިންމާފަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަވެސް މިހާރު ވަނީ މަޖިލީހުން ފަށާފަ އެވެ.