03 Jun 2020, 13:36
"ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ"ގެ ކްރިތީގެ ރޯލު ކުޅެމުން އަންނަ ތަރި މޮހެނާ ސިންގް އާއި އޭނާގެ އާއިލާގެ އިތުރު ހަ މެންބަރު ކޮރޮނާވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.
އޭނާ އާއި އޭނާގެ އާއިލާ މިވަގުތު ތިބީ އިންޑިއާގެ ރިޝީކޭޝްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ. ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މޮހެނާ ބުނީ އޭނާ އާއި އޭނާގެ އާއިލާގެ ހުރިހާ މެންބަރުންގެ ހާލުވެސް މިވަގުތު ސްޓޭބަލް ކަމަށެވެ. އެއްވެސް މީހެއްގެ ގައިން ބޮޑެތި އަލާމާތްތަކެއް ނުފެންނަ ކަމަށާއި ފަރުވާކުރުމުން އަވަހަށް މި ބަލިން ސަލާމަތްވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މޮހެނާއަކީ އިންޑިއާގެ ޝާހީ އާއިލާ އަކަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އޭނާ އެންމެ ފުރަތަމަ ކެމެރާގެ ކުރިމަތިން ފެނުނީ އިންޑިއާ އިން ބޭއްވި ނެށުމުގެ މުބާރާތެއްގައެވެ. އެ މުބާރާތް ވެގެންދިޔައީ ޝާހީ އާއިލާއެއްގެ އަންހެން ކުއްޖަކު އެފަދަ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރަށް ވެސްމެއެވެ.