28 Dec 2011, 15:24
ބައި ލައްކަ ސްރީލަންކަން ރުޕީސް އާއި ދިވެހި ފައިސާތަކެއް ހިފައިގެން ދިޔަ ޓޫރިސްޓެއްގެ އަތް ދަބަސް ފޭރިގަނެގެން ފިލަން މަސައްކަތް ކުރި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކާއި އިތުރު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ރޭ އިރާކޮޅު ހިނގި އެ ހާދިސާގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ ހައްޔަރު ކުރީ އަންހެން މީހާގެ އަތްދަބަސް ފޭރިގަނެގެން ފިލަން ދުވަނިކޮށް އެ ކުއްޖާގެ ފަހަތުން ސައިކަލުގައި ދިޔަ ފުލުހެއް ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރާ 18 އަހަރުގެ މީހާ ހައްޔަރު ކުރީ ރޭ 9:00 ޖަހާއެހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފޭރިގަތް އަތްދަބަހުގައި 50،000 ސްރީލަންކަން ރުޕީސް އާއި އަދި 700 ރުފިޔާގެ އިތުރުން ކެމެރާއަކާއި ދަބަހުގެ ވެރިފަރާތުގެ ޕާސްޕޯޓުގެ އިތުރުން އެޗްއެސްބީސީ ޑެބިޓް ކާޑެއް އޮތެވެ. ފޭރިގަތް އަތް ދަބަސް ފުލުހުން މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ތެރޭ ވަނީ 1000 ޑޮލަރާއެކު ޗައިނާ އަންހެނެއްގެ ފައިސާ ދަބަސް ފޭރިގެންފަ އެވެ.
ފަހަކަށް އައިސް މީހުންގެ އަތް ދަބަސް ފޭރުން ވަނީ މާލޭގައި އާންމު ކަމަކަށްވެފަ އެވެ.