ތިލަފުށީގަައި ބިދޭސީންތަކެއް މިއަދު ހަމަނުޖެހުން ހިންގާފައިވަނީ އެ ފަރާތްތަކުންގެ ސްޕޮންސަރާ ޖެހުނު މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ތިލަފުށީގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ވަނީ އިހުތިޖާޖުކޮށްފައެވެ. ނަމަވެސް، އެ މީހުން އިހުތިޖާޖު ކުރި ސީދާ ސަބަބެއް އަދި ނޭނގެއެވެ. އެ އިހުތިޖާޖުގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި 133 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ފުލުހުން މިރޭ ބުނީ އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުންގެ ބެލުމުުގެ ދަށަށް ވަގުތީ ގޮތުން ގެެނެސް ހުއްޓުވި 133 މީހުންގެ ތެރެއިން ހަތް މީހަކު ފިޔަވައި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ ތިލަފުށީގައި ގިނަ އަދަދެއްގެ ބިދޭސީންނާއި އެފަރާތްތަކުންގެ ސްޕޮންސާއާ ދެމެދު ހިންގި ހިތްހަމަނުޖެހުމެއްގައި ސްޕޮންސަރުގެ ގޯޑައުންއަށް ގެއްލުން ދޭ މައްސަލައެއް މިއަދު މެންދުރު ފަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ހަމަނުޖެހުން ކޮންޓްރޯލު ކުރަން އުޅުމުގެ ތެރޭގައި ދެ ފުލުހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ ކުރިންވެސް ތިލަފުށީގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އިހުތިޖުކޮށްފައިވެއެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ލޮކްޑައުންކޮށްފައި އޮތުމުން އެ މީހުންގެ ހައްގުތައް ނުލިބިދާތީއެވެ.

ފަހަކަށް އައިސް ބިދޭސީން ހަމަނުޖެހުން ހިންގުން އަންނަނީ އިތުރުވަމުންނެވެ. ދާދިފަހުން ހުޅުމާލޭގައި ބިދޭސީން ކަރަންޓީނު ކުރާ މަރުކަޒު ކަމަށްވާ ހުޅުމާލޭ، އަމީނީ ހިޔާގައި ވެސް ބިދޭސީންތަކެއް ވަނީ ހަމަނުޖެހުން ހިންގައިފައެވެ. އެޗްޑީސީން ބުނީ އެތަނުގައި ހަމަނުޖެހުން ހިންގީ ރަމަޟާން މަސް ނިމުމަށްފަހު އީދު ދުވަހުގައި އެތަނުގައި ތިބި ފަރާތްތަކަށް ކެއުން ލިބުން ލަސްވުމުން ކަމަށެވެ.