28 Dec 2011, 15:13
ކުރިން އެނގުމަކާ ނުލައި ސިއްހީ ފަރުވާދޭ ތަންތަނަށް ވަދެ އެ ތަންތަނުން ޙިދުމަތް ދެމުންދާ ގޮތް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ އޮފިޝަލުން ސިއްޙީ ފަރުވާދެމުންދާ ތަންތަނަށް ވަދެ އެތަންތަން ޗެކްކުރުމަށް ނިންމާފައި ވަނީ ސިއްޙީ ފަރުވާދެމުންދާ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި އެ މިނިސްޓްރީގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށް ކަމަށެވެ.
ސިއްހީ ހިދުމަތްދޭ ތަންތަން އެ މިނިސްޓްރީން ޗެކްކުރާ އިރު ސިއްޙީ ފަރުވާދޭ ތަންތަނުގައި މަސައްކަތް ކުރަމުންދާ ފަންނީ މުވައްޒަފުނަކީ އެ ފަންނަކަށް ނިސްބަތްވާ ކައުންސިލް ނުވަތަ ބޯޑެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ބައެއްތޯ ބަލާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އަދި ސިއްޙީ ފަރުވާ ދޭ ތަންތަނަކީ ޤަވާއިދުން ރަޖިސްޓްރީ ކޮށްގެން ހިންގާ ތަންތަންތޯ އާއި ކުލިނިކްތައް ހިންގަމުން ދަނީ ''ރާއްޖޭގެ ސިއްޙީ ފަރުވާދޭ ކުލިނިކްތައް ހިންގުމާ ބެހޭ ޤަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކްކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ މިނިސްޓްރީ އިން ބުނީ ތަންތަން ބަލައި ފާސްކުރާ އިރު ގަވާއިދަށް ނުފެތޭ ތަންތަން ބަންދު ކުރާނެ ކަމަށެވެ.