02 Jun 2020, 16:26
ކޮވިޑް 19ގެ ބިރުވެރިކަން ގައުމުގައި ފެތުރި އެންމެން ތިބީ ގޭބަންދުގަ އެވެ. ކިތަންމެ ޒަރޫރީ ބޭނުމެއް ޖެހުނު ނަމަވެސް ހުއްދައަކާ ނުލައި ބޭރަކަށް ނުނިކުމެވެ އެވެ. ނުކުމެއްޖެ ނަމަ ޖޫރިމަނާ ކުރެ އެވެ. ނުވަތަ ހައްޔަރު ކުރެ އެވެ. ބަލި ފެތުރުން ހުއްޓުވަން ހެޕްލު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައި ވަނީ ހަރުކަށި ފިޔަވަޅު ތަކެކެވެ. އެކަމަކު އެ ފިޔަވަޅުތަކާއި އަދި ރައްޔިތުންގެ މަޖިލީހުން ޖަލްސާ ބާއްވަން އެޗްޕީއޭ އިން ފޮނުވި ގައިޑްލައިނާވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިވަނީ ހިލާފުވެފަ އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރޭ މެންދަމު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި ތަޅުމުން ނުކުތުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވި އެވެ. ނަމަވެސް އޭނާ ތަޅުމުން ނުކުތުމަށް ދެކޮޅު ހެދުމުން އެޗްޕީއޭގެ ގައިޑްލައިނާއި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އަމުރުތަކަށް ބެލުމެއް ނެތި މެމްބަރުން އޭނާގެ ގަޔަށް އަރައިގަތެވެ. އަޅައިގެން ތިބި މާސްކުތައް ވެސް އެއްލާލާފައި ސޯޝިއަލް ޑިސްޓެންސަށް ވެސް ބެލުމެއް ނެތެވެ.

މެމްބަރު ޝިޔާމް ތަޅުމުން ނެރެން އެމްޑީޕީ މެމްބަރުން މަސައްކަތް ކުރަނީ ---
ހަނދާންއާ ކޮށްލުމުގެ ގޮތުން އެޗްޕީއޭއިން މަޖިލީޙުގެ ޖަލްސާ ބާއްވަން ހުއްދަދިން އިރު ފޮނުވި ގައިޑްލައިންގައިވާ ވާހަކަތަކަށް އަދި އެއްފަހަރު ބަލާލަމާ ހިނގާށެވެ. އަދި ޖަލްސާ ބާއްވަން ވެގެން މަޖިލީހުން މަޖިލީހުން އެކުލަވާލި އުސޫލުތަކަށް ވެސް ބަލައިލަމާ ހިނގާށެވެ. މެމްބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހަ ފިޔަވަޅެއް އަޅަން މަޖިލީހުގެ އިދާރާއިން ނިންމި އެވެ.
ޖަލްސާ ކުރާ މާލަމުގައި އެއް ވަގުތެއްގައި އެންމެ ގިނަވެގެން ތިއްބެވޭނީ 42 މެމްބަރުންނަަށް.
- މެންބަރުން އިށީނދެވަޑައިގެން ތިއްބަވަން ޖެހޭނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެކަށައަޅައި އަންގާފައިވާ ދުރުމިނުގައި.
- އެއް ވަގުތެއްގައި އެއް މޭޒެއްގައި ދެ މެމްބަރުން ނުތިއްބެވޭނެ.
- އެއް ބައި މެންބަރުން ވޯޓުލުމުގަައި ބައިވެރިވެވަޑައިގަތުމަށް ފަހު، މާލަމުން ނުކުމެވަޑައިގަތުމުން، ބާކީ ތިއްބެވި މެމްބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުލުމުގެ އިންތިޒާމް.
- މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ފަށާއިރު، މާލަމުގައި ތިބޭނީ ޖަލްސާއެއް ކުރިއަށް ގެންދަން ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން.
- ޖަލްސާތައް ކުރިއަށްދާއިރު، މެމްބަރުންނާއި މުވައްޒަފުން ތިބެން ޖެހެނީ މާސްކް އަޅައިގެން.
އުސޫލަކާ އުސޫލެކެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހަރުއަޑުން ގޮވާ އަޑު އިވުނީ "ހުރިހާ މެމްބަރުންވެގެން އޭނާ ނެރޭށޭ" އެވެ.

މެމްބަރު ޝިޔާމް ތަޅުމުން ނެރެން އެމްޑީޕީ މެމްބަރުން މަސައްކަތް ކުރަނީ ---
މިހުރިހާ ކަމެއް ހިނގައި ދިޔުމުން އެޗްޕީއޭއިން އަޅާ ފިޔަވަޅުތައް އެޅުމުގައި ތަފާތު ކުރުން އޮންނަ ކަމުގެ ތުހުމަތު އާންމުގެ ފަރާތުން މިވަނީ ކުރަން ފަށައިފަ އެވެ. ނުރައްކާތެރި ބަލިމަޑު ކަމުގެ ހާލަތުގައި މެމްބަރުން އުޅުނު ގޮތުން އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
"ގައިދުރު ކުރުމުގެ އުސޫލާ މެމްބަރުން ހިލާފު ވީމަ ޖޫރިމަނާ ކުރަން ޖެހޭ. އެމީހުންގެ އާއިލާތަކާއި އެތައް ބައެއް އެވަނީ ނުރައްކަލުގެ ތެރެއަށް ވައްޓާލާފައި." މީހަކު ޓުވިޓާގައި ލިޔެފައިވެ އެވެ.
ގިނަބައެއްގެ ފާޑުކިޔުން ވަނީ އެޗްޕީއޭއަށް ވެސް އަމާޒުކޮށްފަ އެވެ. އެއީ ފާޅުކަން ބޮޑުގޮތެއްގައި ލައިވްޓީވީގައި ދައުލަތުގެ އެއްބާރުގެ ވެރިޔާ އަދި ރައްޔިތުން ތަމްސީލުކުރާ މެމްބަރުން ދެއްކި ނުބައި މިސާލުގެ ސަބަބުންނެވެ.
ބައެއް މީހުން ވަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބޭއްވުން ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލާފަ އެވެ. އެކަކު ބުނި ގޮތުން ރޭގައި ފެނިގެން ދިޔައީ މެމްބަރުން އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާ ނުވާނެ ކަމުގެ ހެއްކެކެވެ. އެހެންވީމާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖަލްސާ ބާއްވަން ފަށަން ޖެހެ އެވެ.
އާންމުންގެ ފާޑުކިޔުމާ މެދު އެއްޗެއް ބުނެވޭނެ ޖާގައެއް ނެތެވެ. މަޖިލީހުގެ މެމްބަރުންނަކީ ގާނޫނު ހަދާ މީހުންނެވެ. އެމީހުން ހަދާ ގާނޫނަށް އެމީހުން ތަބާނުވުމަކީ ރައްޔިތުންނަށް ދެއްކޭ ނުބައި މިސާލެކެވެ. އެއީ ރައްޔިތުންނަށް މިސާލުދައްކަން ތިބި މީހުންނެވެ. ދެން އުފެދޭ ސުވާލަކީ މަޖިލީހުން ގައިޑްލައިނާ ހިލާފުވުމުން ފިޔަވަޅު އަޅާނެތޯ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ނިންމި ގޮތެއް ވަނީ ސާފުވާ ގޮތެއް ނުވެ އެވެ. އަދި އެޗްޕީއޭ އިން މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް އެންގުމެއް އަންގާފައެއް ނުވެ އެވެ.
ސާފުވާ ކަމަކީ އެޗްޕީއޭގެ ގައިޑްލައިނާ މެމްބަރުން ހިލާފުވެއްޖެ ކަމެވެ. އެއީ ލައިވް ޓީވީގައި ހުރިހާ ރައްޔިތުންނަށް ފެންނަހެން ހިނގައި ދިޔަ ކަމެކެވެ. އެކަމާ ދެކޮޅު ހެދޭކަށް ވެސް ނޯންނާނެ އެވެ. ގާނޫނުތަކާއި ގަވައިދުތައް ހިނގަނީ މަޖިލީހުގެ މެމްބަރުން އިސްތިސްނާވާ ގޮތަކަށް ނޫނެވެ. އެހެންވީމާ އާންމު ރައްޔިތުންނަށް އަޅާ ފިޔަވަޅު އެމީހުންނަށް ވެސް އެޅެން ޖެހެ އެވެ.