02 Jun 2020, 15:17
ރައްޔިތުންގެ މަޖިލީހުގައި ރޭ މެންދަމު ބޭއްވި ޖަލްސާ ހޫނުވެ، ހިނގި ތަޅާފޮޅުންގަނޑުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަހުމަދު ޝިޔާމްގެ މޭކަށިގަނޑުގައި ރެނދުލައިފައިވާ ކަމަށް ޕީީޕީއެމްއިން ބުނެފި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޝިޔާމްގެ ބުރަކަށީގެ ތިރިންނާއި މޭކަށިގަނޑުގައި ރެނދެއް ލާފައި ހުރި ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
ޝިޔާމް ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އަދި ހަތަރޔ ހަފްތާ ވަންދެން އެނދުގައި އަރާމްކުރުމަށް ޑރ. ވިދާޅުވެފައިވާކަމަށް ހީނާ ވިދާޅުވިއެވެ.
ޝިޔާމް މިހާރު ވަނި ގެއަށް ދޫކޮށްލައިފަ އެވެ.
ރޭ ކުރިއަށްދިޔަ މަޖިލިސް ހޫނުވީ، މިހާރު ތިބި ކައުންސިލަރުންގެ މަގާމު އިންތިހާބެއް ބޭއްވެންދެން ދަންމާލެވޭ ގޮތަށް ގާނޫނު އިސްލާހު ގެނައުމަށް ކުރިއަށް ގެންދިޔަ ޖަލްސާގެ ތެރެއިންނެވެ. ޝިޔާމް ރޭގެ ޖަލްސާގައި އަޑުގަދަކުރުމާ ގުޅިގެން ނަން އިއްވުމުން އެމްޑީޕީގެ މެންބަރުން އޭނާ ގަދަކަމުން ނެރެން މަސައްކަތް ކުރިއެވެެ. ރޭގެ ތަޅާފޮޅުންގަނޑު ފެށުނީ އޭގެ ތެރެއިންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ޝިޔާމް ބިން މައްޗަށް ވެއްޓިފައި އޮންނަ ތަނާއި އަދި އޭނާގެ ގަމީސް ވީދިފައި އޮންނަތަން ފެނެ އެވެެ.
ޕީޕީއެމްއިން ތުހުމަތުކުރާ ގޮތުގައި ޝިޔާމްއަށް އަނިޔާކުރަން އެންގެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެެ. އަދި އެ މައްސަލަ ބަލައިދޭން ޕީޕީއެމްއިން މިހާރު ވަނީ ފުލުހުނަށްވެސް ހުށަހަޅައިފަ އެވެ.
ރޭގެ ޖަލްސާ ފަހުން ކުރިއަށް ދިޔައީ އިދިކޮޅު މެމްބަރުންނާ ނުލަ އެެވެ. އަދި އެމްޑީޕީން ބޭނުންވާ ގޮތަށް 74 މެމްބަރުންގެ ވޯޓާއެކު ކައުންސިލަރުންގެ ދައުރު އިތުރުވާ ގޮތަށް ގާނޫނު އަސާސީ ވަނީ އިސްލާހްކޮށްފަ އެވެ.