02 Jun 2020, 14:41
އެމެރިކާ އާއި ޗައިނާއާ ދޭތެރޭ އުފެދިފައިވާ ފިނި ހަނގުރާމައިގެ ތެރެއަށް އިންޑިއާއިން ނުވަނުމަށް ޗައިނާއިން ގޮވާލައިފި އެވެެ.
ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ މަސްއޫލިއްޔަތު އޮންނަ ޗައިނާގެ ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސް އިން ބުނީ އެމެރިކާއާއި ޗައިނާ ފިނި ހަނގުރާމައެއްގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަމުންދާ މި ދަނޑިވަޅު އިންޑިއާއިން ފައިދާ ނެގުމަށް އެދި އެގައުމުގެ މާހިރުން ސަރުކާރަށް ވަރަށް ބޮޑަށް ލަފާދެމުންދާ ކަމަށެވެ.
އެހެން ނަމަވެސް އެފަދަ ކަމެއް ކުރަންވާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށާއި އޭގެ ސަބަބުން އިންޑިއާއަށް ލިބޭނެ މާބޮޑު ފައިދާއެއް ނެތް ކަމަށެވެ.
ގްލޯބަލް ޓައިމްސް އިން އެފަދައިން ބުނިއިރު ދާދި ފަހުން އިންޑިއާއާ ޗައިނާއާ ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެެވެ. އަދި އިންޑިއާއިން ދައުވާކުރާ އެގައުމުގެ އިމުގެ ތެރެއަށް ޗައިނާގެ ސިފައިން ވަދެފައިވާކަމަށް އިންޑިއާއިން ދަނީ ބުނަމުންނެވެ.
އެ މައްސަލަ ހައްލުކުރަން އެމެރިކާ މެދުވެރިއަކަށް ވާން ނުޖެހޭނެ ކަމަށާއި ދެގައުމު ގުޅިގެން މައްސަލަ ހައްލުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ގްލޯބަލް ޓައިމްސްއިން އިތުރަށް ބުނީ އިންޑިއާއިން އެމެރިކާގެ ޕަޕެޓެއް ކަމަށް ހެދިގެން އުޅެފިނަމަ އޭގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން ތަކަށް އަސަރުކުރާނެ ކަމަށެވެ. އަދި އެ ހާލަތުގައި އިންޑިއާގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުންވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެހެންކަމުން އިގްތިސާދީ ނަޒަރަކުން ވިސްނައި، އިންޑިއާގެ ނޭޝަނަލިސްޓުން އެދޭ އެދުންތަކަށް ނުބަލައި ކުރިއަށް ދިއުމަށް ވަނީ ބުނެފަ އެވެެ. އަދި މިހާރު ވެސް ޗައިނާއިން އިންޑިއާއަށް އެހީދޭ ގޮތަށް އެހީ ދީ ދެގައުމުން ގުޅުން ވަރަގަދަކުރަން ޗައިނާއިން އޮތްކަމަށް އާޓިކަލްގައި ވަނީ ބުނެފައެވެ.
ގްލޯބަލް ޓައިމްސް