28 Dec 2011, 14:56
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ މަސްތުވާތަކެއްޗާ ބެހޭ ބިލުގެ ބަހުސްގައި އެ މެންބަރުން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރަން އޮތް ހައްލަކީ އެފަދަ ފަރާތްތަކަށް މަރުގެ އަދަބު ދިނުން ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ފިނިފެންމަލުގެ ދާނުގައި ބައިތިއްބައިގެން ފަރުވާ ދިނުމަކީ ހައްލެއް ނޫން ކަމަށެވެ. ސިންގަޕޫގައި އެކަމަށް އޮންނަ ފަދަ މަރުގެ އަދަބު ރާއްޖޭގައި ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިންގަޕޫރުން ވަނީ އެކަމަށް ހައްލު ހޯދައިފައި އެ މީހުން ވަނީ އެ މީހުންގެ ލޮޖިސްޓިކް ގާނޫނު ތަންފީޒު ކޮށްފައި. ޑްރަގަކީ މުޅި އިންސާނިއްޔަތަށް އޮތް ބިރެއް. އިންސާނިއްޔަތު ހަލާކުކޮށްލާ އެއްޗެއް. އެފަދަ މީހުންނަށް ހަރުކަށި އަދަބު ކަނޑައަޅަން ޖެހޭ. ހަމަ ހަރުކަށި އަދަބު ދިނުން ނޫން ގޮތެއް ނެތް. ރާއްޖެ އަށް ޑްރަގް އެތެރެކޮށްފި މީހެއްގެ ހުކުމަކީ މަރުކަމަށް ކަނޑައެޅަންވީ. ހަމަ އެންމެ މީހެއްގެ ބޯ ކަނޑައިލީ، މުޅި މުޖުތަމައު ސާފުވީ. މަރުގެ އަދަބު ދިނުން ހައްލަކީ،" މުސްތަފާ ވިދާޅުވި އެވެ.
ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ވެސް ވިދާޅުވީ ގާނޫނެއްގައި ބުނެފައިވާ އަދަދަށް ވުރެ މަތީ އަދަދަކަށް ރާއްޖެ އަށް ޑްރަގް އެތެރެކޮށް ވިއްކާ ފަރާތްތައް މެރުން ފަދަ ހުކުމް ކުރުމަށް ދެކޮޅު ނުހައްދަވާ ކަމަށެވެ.
"އަޅުނޑުމެންގެ މުޖުތަމައު ހަލާކުކޮށްލުމަށް ވިޔަފާރީގެ ބޭނުމުގައި ޑްރަގް ވިއްކައި އެތެރެ ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަކީ މުސްތަގުބަލުގައި ވިސްނަން ޖެހޭ ކަމެއް،" ހަމްޒާ ވިދާޅުވި އެވެ.
މަރުގެ އަދަބު ދިނުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ މައްސަލަތަކުގައި ހަރުކަށި އަދަބުތައް އިސްލާމް ދީނުގައި ކަނޑާއަޅާފައި ހުންނަނީ އެކަމަކަށް އޮންނަ ހައްލެއްގެ ގޮތުގައި ކަމަށެވެ. އަދި ޝަރުއީ ގޮތުން ކަނޑައަޅާފައިވާ އަދަބުތައް ދިނުމުން އެކަންކަން ހުއްޓިގެންދާނެ ކަމަށާއި އެއީ ޝަރުއީ ހައްލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބިލުގެ ބަހުސްގައި މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ މުހައްމައު ނަޝީދު ވާހަކަ ދައްކަވަމުންގެންދަވާ ކަން ވެސް ބައެއް މެންބަރުން ފާހަގަ ކުރެއްވި އެވެ.
އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، ރާބުއިމާއި މަސްތުވާތަކެއްޗާއި ޖުވާ ކުޅުން ފަދަ މުންކަރާތްތަކުން ދުރުވުމަށް މާތްﷲ އަޅުގަނމެންނަށް އަންގަވާފައިވާ އިރު، އަބަދު އެންމެ ހަމައިގައި ނުތިބެ ބޮވޭނެ ކަމަށާއި ބޯން ޖެހޭނެ ކަމަށް، ގައުމުގެ ވަލިއްޔުލް އަމްރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
"ގައުމުގެ ވަލިއްޔުލް އަމުރު، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި ވިދާޅުވަނީ ނޫނެކޭ ބޮވޭނެއޭ ބޯން ޖެހޭނެ އޭ އަބަދަކު އެނމެން ހަމައަކު ނުތިބޭނެއޭ. ކޮންމެ ވެސް ބަޔަކު ހަމައިން ނައްޓަން ޖެހޭނެ އޭ. މިއީ ކިހާ ހިތާމަވެރި ކަމެއްތޯ،" އަހްމަދު ރަޝީދު އިބްރާހިމް ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވެސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައެއް ފަހަރު ދައްކަވާ ވާހަކަފުޅުތަކުން މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ކަމަށެވެ.
"ބާރުދެރަ މަސްތުވާތަކެއްޗާއި ބާރުގަދަ މަސްތުވާތަކެތި އެބަ ތަފާތު ކުރައްވާ. ވަރުގަދަ ހަ މީހުންގެ ވާހަކަ ދައްކާއިރު ކިތަށް ހަމީހުން މިހާތަނަށް ހިފިފައިވާ ކަމެއް ވެސް ނޭނގެ،" މަހްލޫފު ވިދާޅުވި އެވެ.