ދިވެހި ރެޑް ކްރެސެންޓުގެ ކޮވިޑް19 މައިގްރަންޓްސް ރިލީފް ފަންޑަށް 1.3 މިލިއަން ރުފިޔާ ލިބިފައިިވާކަމަށް އެމްއާރްސީން ބުނެފި އެވެ.

އެމްއާރްސީން ބިދޭސީންނަށް އެހީވުމަށް ހާއްސަ ފަންޑެއް ލޯންޗު ކުރީ މޭ މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި ފަންޑަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މޭ މަހުގެ ނިޔަލަށެވެ.

އެމްއާރްސީން ބުނީ ޖޫން މަހުގެ ފުރަތަމަ ދުވަހު ފަންޑު ބަންދުކުރި އިރު، ފަންޑު ހުޅުވާފައިވާ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހަތަރު އެކައުންޓަށް މުޅި ޖުމްލަ 1،374،745.79 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި މި ފަންޑުގެ މަގުސަދަކީ ކޮވިޑް19ގެ އިގްތިސާދީ ދަތިކަން ކުރިމަތިވެފައިިވާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރުވެސް ރެޑް ކްރެސެންޓުން ހިންގަމުން އަންނަ ހަރަކާތްތައް އިތުރަށް ފުޅާކޮށް، ހާލުގައި ޖެހިފައި ތިބި ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެމްއާރްސީގެ ސެކްރެޓަރީ ޖެނެރަލް، ފާތިމަތި ހިމްޔާ ވިދާޅުވީ ކޮވިޑް19 މައިގްރަންޓްސް ފަންޑަށް ލިބިފައިވާ ފައިސާގެ 85 ޕަސެންޓު ބޭނުންކުރާނީ ހާލުގައި ޖެހިފައި ތިބި ބިދޭސީންގެ ކޮއްތު ހަމަޖައްސައިދިނުމަށެވެ.

"މީގެ ތެރޭގައި މައިގަނޑު ހިމެނޭނީ ޕާރުސަލް ފޯރުކޮށްދިނުން. އަޅުގަނޑުމެން އިނގެރޭސިން މިކިޔަނީ ހޮޓް މީލްސް އޭ. މިހާރުވެސް އަޅުގަނޑުމެން މައިގްރަންޓް ސަޕޯޓު ސެންޓަރުން އެދަނީ 3،600 އެއްހާ މީހުންނަށް ގަވާއިދުން ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތުގައި ބައިވެރިވަމުން. މި އަދަދު ކުރިއަށް އޮތް މަހުގެ ތެރޭގައި މިއަށްވުރެ އިތުރުވެގެންދާނެ ކަމަށް ބެލެވޭ،" ހިމްޔާ ވިދާޅުވި އެވެ.

އެމްއާރްސީން ބުނީ އާންމުންގެ އެހީތެރިކަމާއެކު 3600 އަށްވުރެ ގިނަ ބިދޭސީންނަށް މިހާތަނަށް 100،000 އަށް ވުރެ ގިނަ މީލްޕެކް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އަދި ސައިބޯނި، ޝޭމްޕޫ، ތުވާލި، ދަތް އުނގުޅާ ބުރުސް އަދި ބޭސް ހިމެނޭ 550 ހައިޖީން ކިޓު ވެސް މިހާތަނަށް އެކި ފަރާތްތަކަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

ކޮވިޑް19 މައިގްރަންޓްސް ފަންޑުގެ 10 ޕަސެންޓު ސާފުތާހިރުކަމުގެ ޕްރޮމޯޝަން ހަރަކާތްތަކަށް ކަނޑައަޅާފައިިވާއިރު، ފަސް ޕަސެންޓު ބޭނުންކުރާނީ އިދާރީ ހަރަދުތަކަށެވެ.